ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ކުންފުނިތަކުން ވެކްސިން ތަރައްގީ ކުރި ގޮތުގެ ތަފްސީލުތައް ހައްލު ކޮށް، ވެކްސިނަށް އޮތް ބައިނަލްއަގުވާމީ ޑިމާންޑް ފޫބައްދަން އެއްބާރުލުން ދިނުމަށް، ބައިނަލްއަގުވާމީ ވެކްސިން ކެމްޕޭނަށް ފަރަވެރިވާ ޖަމިއްޔާއަކުން ގޮވާލައިފިއެވެ.
އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އެމްނެސްޓީ އިންޓަނޭޝަނަލްއާއި އޮކްސްފާމްގެ މެމްބަރުންވެސް ހިމެނޭ ވެކްސިން ވޮޗްޑޯގް، ޕީޕަލްސް ވެކްސިން އެލާޔަންސް އިން ވަނީ، ފަގީރު ގައުމުތައް ގުރުބާންކޮށް، މާލީ ފައިދާ ހާސިލު ކުރުމުގެ ބަދަލުގައި، ވެކްސިން އުފެއްދުމާ ގުޅޭ ސައެންސްޓިފިކް މައުލޫމާތު ހިއްސާ ކުރުމަށް ގޮވާލާފައެވެ.
ޕީޕަލްސް ވެކްސިން އެލާޔަންސް އިން ބުނީ، މިހާރު ވެކްސިން އުފައްދާ މުންދާ ގޮތަށް ބަދަލެއް ނުގެނެސް އަދި ވެކްސިން ފޯރުކޮށްދެމުންދާ ގޮތަށްވެސް ބަދަލެއް ނުގެނެސް ކުރިއަށް ދާން ވެއްޖެ ނަމަވެސް، މި އަހަރު ނިމޭއިރު، ތަރައްގީ ވަމުން އަންނަ ގައުމުތަކުން ކޮވިޑް ވެކްސިން ލިބޭނީ ކޮންމެ 10 މީހަކުން 1 އަށް ކަމަށެވެ.
އޮކްސްފާމްގެ ހެލްތު ޕޮލިސިޓީ މެނޭޖަރުގެ މަގާމުގައި ހުންނެވި އޭނާ މެރިއަޓް ވިދާޅުވީ، މާލީ ފައިދާތަކެއް ހާސިލު ކުރުމުގެ ބޭނުމުގައި، ވެކްސިން ޓެކްނޮލޮޖީ ހިއްސާ ކުރުމަށް އިންކާރު ކޮށް، ފިކުރީ މުދަލުގެ ހައްގަށް ދޫދިނުމަށް މޮޑާނާއާއި ފައިޒާ/ބައޮއެންޓް ފަދަ ކުންފުނިތަކުން އިންކާރު ކުރަމުން ދަނީ ނަމަ، އެ ކަމަކީ ވެކްސިންގެ ސަޕްލައިއަށް ނުސީދާ ގޮތުން ހުރަސް އަޅާ ކަމެއް ކަމަށެވެ.
މި ކުންފުނިތަކުން ފައިދާ ހޯދަމުން ދަނީ ސަބްސިޑީވެސް ލިބޭ ހާލުގައި ކަމަށާ، މިކަމުގެ ސަބަބުން ފަގީރު ގައުމުތަކުން ފުރާނަތަކެއް ގެއްލި، އިގުތިސޯދީ ވޭން، އެތައް ދުވަހަކަށް ދެމިގެންދާނެ ކަމަށްވެސް އެލާޔަންސްގެ ފަރާތުން ވާހަކަދައްކަވަމުން މެރިއަޓް ވަނީ ވިދާޅުވެފައެވެ.
ގްލޯބަލް ޖަސްޓިސް ނައުގެ ހައިޑީ ޗޯވް ވިދާޅުވީ، ހަނގުރާމައިގެ ދުވަސްވަރުގައިވެސް ކުންފުނިތަކުން އަމިއްލަ ވާދަވެރިކަން އެއް ފަރާތ ކުރުމަށްފަހު، އާންމު ލާބައަށް މަސައްކަތް ކުރި ކަމަށެވެ. އަދުގެ ދުނިޔޭގައިވެސް އެފަދަ ކަންކަމަށް ސަރުކާރުތަކުން ހިތްވަރު ދިނު ޗޯވް ވަނީ ގޮވާލައްވާފައެވެ.
ޕީޕަލްސް ވެކްސިން އެލާޔަންސް އިން ރިޕޯޓް އެކުލަވާލިއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 108 މިލިއަން މީހަކު ކޮވިޑް ވެކްސިން ޖަހައިފިއެވެ. ނަމަވެސް އަވާ ވޯލްޑް ޑޭޓާގެ ރެކޯޑްތަކަށް ބަލާއިރު، ތަރައްގީ ވަމުން އަންނަ ގައުމުތަކުން ހިއްސާކުރަނީ މީގެ އެންމެ 4 ޕަސެންޓްއެވެ. ފައިޒާ/ބައޮއެންޓެކް އަދި މޮޑާނާއިން ގިނަ ވެކްސިން ވިއްކާފައި ވަނީވެސް މުއްސަނދި ގައުމުތަކަށް ކަމަށް ހަބަރު ލިބެއެވެ.