މިއަހަރުގެ ރިޔާސީ ބަޔާން އިއްވާ، ރައްޔިތުންގެ މަޖިލިސް ހުޅުވުން އޮތީ މިއަދެވެ. ކުރީ އަހަރެކޭ އެއްފަދައިން މިއަހަރު ވެސް ރިޔާސީ ބަޔާން އިއްވާ ވަގުތު، އިދިކޮޅުގެ އިހުތިޖާޖެއް މަޖިލިސް ތަޅުމުގައި އޮންނާނެ ކަމަށް އުއްމީދު ކޮށްގެން ހުއްޓާ ކަން ވީ އެހެނެއް ނޫނެވެ. މަޖިލިސް ތަޅުމުގައި އަޑުގަދަކޮށް އުޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެކަންޏެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އެއްވެސް މެންބަރެއް ފެންނާކަށް ވެސް ނެތެވެ.

އިދިކޮޅު މެންބަރުންގެ ހިލަމެއް ނުވެ، މަޖިލީހުގެ ފުރަތަމަ ޖަލްސާ ނިމިދިޔަ ފަހުން ސޯޝަލް މީޑިއާއިން ފެނުނީ އެ މެންބަރުން މަޖިލިސް އިމާރާތުގެ މައި ދޮރުގެ އެތެރޭގައި ބެނާއެއް ދަމާލައިގެން އިހުތިޖާޖު ކުރައްވަނިކޮށެވެ. ރިޔާސީ ބަޔާން ދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހުގެ ޗެމްބަރުން ނިކުންނެވި އިރު، މަޖިލީހުގައި ތިއްބެވި އިދިކޮޅު 3 މެންބަރަކު ތިއްބެވީ ދޮރު ކުރިމަތީ އިހުތިޖާޖު ކުރައްވާށެވެ.

އެ މެންބަރުން އިހުތިޖާޖުގައި ތިއްބެވުމުން ރައީސް ސޯލިހު އެބޭފުޅުންގެ ގާތަށް ވަޑައިގަންނަވައެވެ. އެ މަންޒަރުތައް ފެންނަ ވީޑިއޯ ސޯޝަލްމީޑިއާގައި ދައރުވާ އިރު، އެ ވީޑިއޯގައި މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ރައީސް ސޯލިހާ ވާހަކަތަކެއް ދައްކަވާތަން ފެނެއެވެ. ގިނަ އިރު ވާހަކަ ދެއްކެވީ ސައީދެވެ. ސުވާލު އުފެދެނީ، ރިޔާސީ ބަޔާން އިއްވި ވަގުތު ތަޅުމަށް ހާޒިރުވެ ވަޑައި ނުގެން، މަޖިލިސް ދޮރު ކުރިމަތީގައި އިހުތިޖާޖުކޮށް، ސައީދު ދައްކަވަން ބޭނުންވީ ކޮން ވާހަކައެއް ތޯއެވެ.

އަޅުގަނޑު ދެންނެވީ، ރައީސް ޔާމީނު މިނިވަން ކުރުމަށާއި، އެމަނިކުފާނަށް ދެމުން ގެންދާ އަނިޔާ މިހާރުން މިހާރަށް ހުއްޓާލެއްވުމަށް. އަދި އަދުލު އިންސާފުގެ ނިޒާމަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓާލަން.
ސައީދު

ސައީދު 'ދަ ޕްރެސް' އަށް ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ބެނާއެއް ހިއްޕަވައިގެން ހުންނަވާ، ރައީސް ސޯލިހަށް ދެންނެވީ ރައީސް ޔާމީން މިނިވަން ކުރުމަށާއި، އެމަނިކުފާނަށް ދެމުން ގެންދަވާ އަނިޔާތައް ހުއްޓާލުމަށް ކަމަށެވެ. ހަމައެއާއެކު، ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަށް ސަރުކާރުން ނުފޫޒު ފޯރުވަމުން ދިއުން ހުއްޓާލުމަ ވެސް ސައީދު ދެންނެވިއެވެ. ސައީދު ވިދާޅުވީ އެކަންކަން ބައްލަވައި ދެއްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި ކަމަށެވެ.

މަޖިލިސް ތަޅުމުގައި މިއަދު އިދިކޮޅު މެންބަރުން ހާޒިރުވެ ނެތީ އެ މެންބަރުން ބެނާއެއް ހިއްޕަވައިގެން ތަޅުމަށް ވަންނަން އުޅުމުން، މަޖިލީހުގެ އިދާރާއިން ވަނަ ނުދިނުމުންނެވެ. އެ މެންބަރުން ތިއްބެވީ "ރައީސް ޔާމީން މިނިވަން ކުރަން" ގޮވާލާ ބެނާއެއް ހިއްޕަވައިގެންނެވެ.