ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކަށް ބޭނުންވާ ކޮވިޑް ވެކްސިން ގަތުމަށް އާ އެއްބަސްވުމެއް އެކުލަވާލާފައި ވާ ކަމަށް، ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފް) އިން އިއުލާން ކޮށްފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔުނިސެފްއިން ބުނީ، އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ގުޅިގެން ތަރައްގީ ކުރި ކޮވިޑް ވެކްސިނާއި، ނޯވާވެކްސްއިން ތަރައްގީ ކުރި ކޮވިޑް ވެކްސިންގެ 1.1 ބިލިއަން ޑޯޒްގެ ވެކްސިން ގަތުމަށް، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި)އާއެކު އާ އެއްބަސްވުމެއް އެކުލަވާލާފައި ވާ ކަމަށެވެ.

މި އެއްބަސްވުން އެކުލަވާލާފައި ވަނީ ޑޯޒްއެއް، ގާތްގަނޑަކަށް 3 ޑޮލަރުގެ މަގުން ކަމަށްވެސް ޔުނިސެފުން ވަނީ ހާމަކޮށްފައެވެ.

ޔުނިސެފްގެ އެގްޒެކެޓިވް ޑައިރެކްޓާ ހެންރިއޭޓާ ފޯ ވިދާޅުވީ، މިއީ ކޮވެކްސް ޑޯނަރުންނަށް ރަނގަޅު އަގެއް ކަމަށާ، މިއީ ކޮވެކްސް އެންމެ އަސާސީ ރޫހު، އޭގެ އެންމެ ފުރިހަމަ ގޮތުގައި ދައްކުވައިދެނިވި ކަމެއް ކަމަށެވެ.

ކޮވެކްސްއަކީ ދުނިޔޭގެ ހުރިހާ ހިސާބަކަށް އެއް ހަމައަކުން ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ވެކްސިން އިއްތިހާދު ގާވީ އާއި ސެޕީ ގުޅިގެން އެކުލަވާލި ފެސިލިޓީއެކެވެ.

ޔުނިސެފްއިން މިކަން ހާމަކޮށްފައި މިވަނީ، ކޮވެކްސް މެދުވެރިކޮށް، އެންމެ ބޭނުން ޖެހިފައިވާ ގައުމުތަކަށް 337 މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދިނުމަށް ތައްޔާރު ވަމުން އަންނަ ދަނޑިވަޅެއްގައެވެ.

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ޕްރައިވެޓް ލިމިޓަޑަކީ މިއަދު ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވެކްސިން އުފައްދާ ކުންފުންޏެވެ. ސީރަމް އިންސްޓިޓިއުޓްގެ ވެކްސިން ޑޯޒްތަކަކީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ބަލައިގަންނަ ޑޯޒްތަކެކެވެ. ސީރަމް އިންސްޓިޓިއުޓްގެ އެއް އަމާޒަކީ، ވެކްސިންގެ އަގުތައް އަތް ފޯރާ ފަށުގައި ބެހެއްޓުމެވެ.

ސީރަމް އިންސްޓިޓިއުޓްގެ ލެބޯޓްރީތަކަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީއާއެކު ފަރުމާ ކޮށްފައިވާ ތަންތަނެވެ. ސާފުތާހިރު ކަމުގެ މިންގަނޑު އެންމެ މަތީ ދަރަޖައަށް ފައްކާ ކޮށްފައިވާ ސީރަމް އިންސްޓިޓިއުޓްގެ ފެސިލިޓީތަކަކީ މިނެޓަކު 500 ކޮންޓޭނަރުގެ އުފެއްދުން ނެރެވޭ ވަރުގެ ހަލުވި ފެސިލިޓީ ތަކެކެވެ.

ދިވެހިރާއްޖޭގެ ކޮވިޑް ދިފާއު ވެކްސިން ކެމްޕޭންގައިވެސް ބޭނުން ކުރަނީ ސީރަމް އިންސްޓިޓިއިޓްގެ ކޮވިޝީލްޑް ވެކްސިނެވެ.