ރާއްޖޭގައި ކޮވިޑް-19އަށް ވެކްސިން ދޭން ފަށައިފިއެވެ.

މިއަދު ރާއްޖޭގައި ވެކްސިން ޖަހަސް ފަށާފައިވާއިރު މިކަމަށް ހާއްސަ ރަސްމިއްޔާތެއް ސޯޝަލް ސެންޓަރުގައި ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދުގެ އިތުރުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އާއި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އަދި ސަރުކާރުގެ އެކި މުއައްސަސާގެ އިސްވެރިންގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ބައިވެރިވެ ވަޑައިގަންނަވައެވެ. އަދި ރާއްޖޭގައި މަސައްކަތް ކުރާ އެކިއެކި ދާއިރާތަކުން ހޮވި ބައެއް މީހުންނަށްވެސް މިއަދު ވަނީ ވެކްސިން ދީފައެވެ.

މިއަދު ރާއްޖޭގެ 6 ސަރަަހއްދެއްގައި ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން މާލެ ސަރަހައްދުން އައިޖީއެމްއެޗް އާއި އޭޑީކޭއާއި ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން ސެނެހިޔާ ހޮސްޕިޓަލް ހިމެނެއެވެ. މީގެ އިތުރުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުސީ ރީޖަނަލް ހޮސްޕިޓަލް ވެސް ހިމެނެއެވެ.

ކޮވިޑް-19 ބަލިމަޑުކަމުން ރައްކާތެރިވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖަހަން ފަށާއިރު ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ހެލްތު ވޯކްރުންގެ ކުރި ސަފުގެ މީހުންނާއި، ސޯޝްލް ވޯކަރުންނަށެވެ. އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެކްސިން ޖައްސަވާނެ ކަމަށެވެ. އަދި އޭގެފަހުން ދައުލަތުގެ ބައެއްއިސްވެރިން ވެސް ވެކްސިން ޖައްސަވާނެއެވެ.

ވެކްސިން ޖެހުމަށް ދާ މީހުން ސަމާލުވާން ޖެހޭ ކަންކަމުގެ ތެރެއިން އާންމު ދަތުރުފަތުރުގެ ހިދުމަތް ބޭނުން ނުކުރުމަށް އެޗްއީއޯސީން އިލްތިމާސް ކުރެއެވެ.

މީގެ އިތުރުން ވެކްސިން ޖެހުމަށްފަހު އެތަނުގައި 15 މިނެޓް މަޑުކުރަން ޖެހޭނެ ކަމަށް ވެސް އެޗްއީއޯސީން ބުނެއެވެ. ނަމަވެސް އެލާޖިކްވާ މީހުން 30 މިނެޓް މަޑު ކުރަން ޖެހޭނެ ކަމަށާއި ސިއްހީ ގޮތުން ދިމާވެދާނެ މައްސަލައަކަށް ވެކްސިން ދޭ ތަންތަނުގައި ސިއްހީ ހިދުމަތްތެރިން ތައްޔާރަށް ތިބޭނެ ކަމަށް އެޗްއީއޯސީން ބުނެއެވެ.

ކުރިއަށް އޮތްތަނުގައި ވެކްސިން ޖަހަމުން ގެންދާނީ، ވެކްސިން ދިނުމަށް ކަނޑައަޅާފައިވާ އިސްކަން ދޭ ތަރުތިބާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެޗްޕީއޭއިން ބުނެއެވެ. މީގެ އިތުރުން އެޗްޕީއޭއިން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދު ތަކެއްގައި ވެސް ކުރިޔަށް އޮތް ދުވަސްތަކުގައި ވެކްސިން ދޭން ފަށާނެ ކަމަށެވެ.

ކޮވިޝީލްޑް ވެކްސިނަކީ ކޮވިޑް-19 އިން ދިފާއުވުމަށް ހާއްސަ ކޮށްގެން، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކޮށް، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި) އިން ސިނާއީ ފެންވަރުގައި އުފައްދަމުން އަންނަ ވެކްސިނެކެވެ.

އިންޑިއާގެ އަދުގެ ސަރުކާރުން ގެންގުޅޭ "ފުރަތަމަ އަވަށްޓެރިޔާ" ސިޔާސަތުގެ ދަށުން، އިންޑިއާއިން ވަނީ، ކޮވިޝީލްޑް ވެކްސިންގެ 1 ލައްކަ ޑޯޒް، ދިވެހިރާއްޖެއަށް ހަދިޔާ ކޮށްފައެވެ. ދިވެހިރާއްޖެއަކީ އިންޑިއާގެ "ހަދިޔާ ކޮވިޑް ވެކްސިން" ލިބުނު ފުރަތަމަ ގައުމުވެސްމެއެވެ.

ކޮވިޝީލްޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މިމަހު 26 ވަނަ ދުވަހު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ވަނީ ދީފައެވެ. އެ ހުއްދަ ދީފައިވަނީ ހާލަތަށް ރިއާޔަތްކޮށް އެމަޖެންސީ ހާލަތުގައި ބޭނުން ކުރަން ކަމަށް އެ އޮތޯރިޓީއިން ވަނީ ބުނެފައެވެ.

ރާއްޖޭގައި އެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ އެކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ބަލާ ދިރާސާކުރުމަށް ފަހު އެ އޮތޯރިޓީގެ ފަންނީ ލަފާދޭ ނެޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާއެކު ކަމަށް އެމްއެފްޑީއޭން ވަނީ ބުނެފައެވެ.