ސްކޫލުތައް ހުޅުވާފައި ބެހެއްޓުމަކީ ދަރިވަރުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެހެން ވިދާޅުވީ ޔުނިސެފް މޯލްޑިވްސް އިން ކުރި ޓްވީޓަކާ ގުޅިގެންނެވެ. ޔުނިސެފް މޯލްޑިވްސް އިން ކުރި ޓްވީޓުގައި ބުނީ ކިޔަވާ ދިނުމުގެ އިތުރުން ދަރިވަރުންގެ ސިއްހަތާއި އެކަށީގެންވާ ގޮތުގައި ހެދިބޮޑުވުމަށް ބޭނުންވާ މުހިންމު ކާނާ ލިބޭ މަސްދަރެއްގެ އިތުރުން ނަފްސާނީ ދުޅަހެޔޮ ކަމަށް ވެސް ސްކޫލު މާހައުލުގައި އެހީވާ ކަމަށެވެ. އަދި ސްކޫލުތައް ހުޅުވާފައި ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެ ޓްވީޓުގައި ބުނެއެވެ.
އެޓްވީޓު ޝެއާ ކުރައްވަމުން މިނިސްޓަރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ސްކޫލުތައް ހުޅުވާފައި ބެހެއްޓުން އެއީ ދަރިވަރުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކިޔަވައިދިނުމުގެ ކަންކަން ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.
މި ދިޔަ އަހަރު ސްކޫލްތައް ބަންދުވި އިރު ރާއްޖެގައި ކޭސްތައް ވަނީ ދަށަށް ގޮސްފައެވެ. މިއަހަރު ފެށުނު އިރު 50 އިން ދަށުގައި ކޭސްތައް އޮތް ނަމަވެސް ސްކޫލަތައް ހުޅުވާލިފަހުން ކޭސްތައް މި ވަނީ އިތުރު ވާން ފަށާފައެވެ. މިހާރު 100 އިން މައްޗަށް ކޭސްތައް ގުނަމުން އަންނައިރު މާލެ ސަރަހައްދުން ފެންނަ ކޭސްތަކުގެ އަދަދުވެސް ވަނީ 100 އިން މައްޗަށް ގޮސްފައެވެ.
މިހާރު ފެންނަމުންދާ ކޭސްތަކުގެ ތެރެއިން ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ އިތުރުން ގިނަ ޓީޗަރުންނާއި ސްކޫލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވަނީ ޕޮޒިޓިވްވެފައެވެ.