ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އަވަށްޓެރި ސްރީލަންކާގައި ކެމްޕޭން ފެށިތާ 2 ދުވަސް ތެރޭ، 30 ހާހަށް ވުރެ ގިނަ މީހުންނަށް ކޮވިޝީލްޑް ވެކްސިން ދީފިއެވެ.

ވެކްސިން ކެމްޕޭންގެ 2 ވަނަ ދުވަހުގެ މަސައްކަތްތައް ނިންމާލިއިރު، ފުރަތަމަ ޑޯޒް ދިން މީހުންގެ އަދަދު 37825 އަށް އަރާފައި ވާކަމަށް ލަންކާގެ ޗީފް އެޕިޑެމިއޮލޮޖިސްޓާއި ހަވާލާދީ އެ ގައުމުގެ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ. ވެކްސިން ޖެހި މީހުންގެ ތެރޭގައި ހިމެނެނީ، ކޮވިޑް-19އާ ދެކޮޅަށް އެންމެ ކުރީ މިހާތަނަށް ވެކްސިން ދީފައި ވަނީ، ކޮވިޑާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ހަނގުރާމަ ކުރަމުން ދާ ސިއްހީ ހިދުމަތްތެރިންނާއި، ސަލާމަތީ ބާރުތަކުގެ މެމްބަރުން ކަމަށް މައުލޫމާތު ލިބެއެވެ.

ލަންކާގެ ކޮވިޑް ވެކްސިން ކެމްޕޭންގެ ތެރެއިން އެންމެ ފުރަތަމަ ޑޯޒް ދީފައިވަނީ ހޮސްޕިޓަލް ސްޕެޝަލިސްޓެއް ކަމަށްވާ ޑރ އާނަންދަ ވިޖޭވިކްރެމާއަށެވެ.

ކޮވިޑް-19އާ ދެކޮޅަށް ލަންކާގައި ހިންގާ ވެކްސިން ކެމްޕޭންގައި ބޭނުން ކުރަނީ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކޮށްފައިވާ ފޯމިއުލާއަށް، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ސިނާއީ ފެންވަރުގައި އުފައްދާ، އަވަށްޓެރި ގައުމުތަކަށް ހަދިޔާ ކޮށްފައި ވާ ކޮވިޝީލްޑް ވެކްސިނެވެ.

ލަންކާއިން ކޮވިޝީލްޑް ވެކްސިން ޖެހި އެއްވެސް މީހަކަށް ސިއްހީ މައްސަލައެއް ކުރިމަތިވި ކަމުގެ ހަބަރެއް އަދި ލިބިފައެއް ނުވެއެވެ.

މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒްގެ ބަލިމަޑުކަމުގެ ކާރިސާ ކޮންޓްރޯލް ކުރަމުން ދާ ގޮތަށް ބަލާ، ލޯވީ އިންސްޓިޓިއުޓް އޮފް އޮސްޓްރޭލިއާއިން އެކުލަވާލި ކޮވިޑް ޕާފޯމަންސް އިންޑެކްސް (ސީޕީއައި)ގެ ގަދަ 10 އެއްގެ ރޭންކުން ސްރީލަންކާ ވަނީ ޖާގަ ހޯދާފައެވެ.