އިންގްލިޝް ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީން ތާވަލުގެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑް 1-0 އަކުން ބަލިކޮށްފިއެވެ.

މިރޭ ކުޅުނު މިމެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވަޑް ގެބްރިއަލް ހެސޫސްއެވެ. މިލަނޑު އޭނާ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 9 ވަނަ މިނެޓްގައެވެ.

ޖެހިޖެހިގެން 12 މެޗުން މޮޅުވި ސިޓީ މިރޭގެ މެޗުގައި މާމޮޅު ކުޅުމެއް ދައްކާފައި ނުވާ އިރު ޝެފީލްޑް ޔުނައިޓެޑްގެ ކީޕަރު އެރަން ރެމްސްޑޭލް ވަނީ މުހިންމު ސޭވްތަކެއްކޮށްފައެވެ. މި ގޮތުން، ސިޓީގެ ދެ ޑިފެންޑަރުން ކަމަށްވާ ޒިންޗެންކޯ އަދި ލަޕޯޓްގެ ހަމަލާތައް އޭނާ ކުޅަދާނަ ކަމާއެކު ސަލާމަތްކުރި އިރު މެޗު ނިމެންދަނިކޮށް ހެސޫސް ގޯލާއި އަމާޒުކޮށް ކައިރިން ފޮނުވާލި ޝޮޓެއް ވެސް ރެމްސްޑޭލް ވަނީ ހިފަހައްޓާފައެވެ.

ސިޓީގެ ފޯވަޑު ލައިނުން މާ ގިނަ ހަމަލާތަކެއް ނުއުފެއްދިނަމަވެސް ސިޓީގެ ޑިފެންސުން އަނެއްކާވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި މިއީ ބައިކޮޅަށް ލަނޑެއް ވަދުނަ ނުދީ ޖެހިޖެހިން ލީގު މެޗަކުން ސިޓީ މޮޅުވި ފަސްވަނަ ފަހަރެވެ.

މިއާއެކު ޕެޕް ގާޑިއޯލާގެ ސިޓީ މިވަނީ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ހަމަޖެހިލާފައެވެ. މިހާތަނަށް 20 މެޗު ކުޅުނު އިރު އެޓީމަށް ވަނީ 44 ޕޮއިންޓް ލިބިފައެވެ. އެންމެ ކައިރީގައި އޮތް ޔުނައިޓެޑާ ސިޓީއާ ދެމެދު ތިން ޕޮއިންޓްގެ ތަފާތެއް އޮތް އިރު ސިޓީ އެއްމެޗު އަދި އިތުރަށް ކުޅެން އެބައޮތެވެ.

ހަފްތާގެ މެދުތެރޭގައި ކުޅުނު މެޗުގައި ޔުނައިޓެޑް ބަލިކުރި ޝެފީލްޑް ޔުނައިޓެޑަށް މިރޭގެ މެޗުގައި މާގިނަ ހަމަލާތަކެއް ނުއުފެއްދެއެވެ. މިއާއެކު އެޓީމު އަދި ވެސް އޮތީ ކުޅުނު 21 މެޗުން 8 ޕޮއިންޓް ހޯދައިގެން ތާވަލުގެ ފުލުގައެވެ.