ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކޮށްފައި ވާ ވެކްސިނަށް، ވިލާތުގެ ރެގިއުލޭޓަރުންވެސް ރުހުން ދީފިއެވެ.

ކޮވިޑް-19އިން ދިފާއުވުމަށް، އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖެހޭނެ ކަމަށް، ޔޫރަޕިއަން މެޑިސިންސް އޭޖެންސީއިން ރުހުން ދީފައި ވަނީ ކޮންޑިޝަނަލް މާކެޓިންގް އޮތޮރައިޒޭޝަން އުސޫލުންނެވެ.

މިއީ ފަރުވާއެއް/ވެކްސިނަކަށް ރުހުން ދިނުމަށް މީގެ ކުރިން މައުލޫމާތު އެއްކުރާ މިންވަރަށް މައުލޫމާތު ނުލިބުނު ކަމުގައި ވީ ނަމަވެސް، ފުއްދައިދިނުން ޒަރޫރީވެފައިވާ ސިއްހީ ބޭނުމަކަށް ރިއާޔަތް ކޮށްގެން ދޭ ހާއްސަ ހުއްދައެކެވެ. މި އުސޫލުން ހުއްދަ ދިނުމަށްޓަކައި، އެ ފަރުވާއެއް/ވެކްސިނަކީ، އޭގެ ނުރައްކަލަށް ވުރެ ފައިދާ ބޮޑު ފަރުވާއެއް/ވެކްސިނެއް ކަން ސާބިތުކޮށްދޭން ޖެހެއެވެ. އަދި، ޓްރަޔަލްތަކުގައި ވާ ގޮތެއް، ކުރިއަށް އޮތް ތަނުގައި ހިއްސާ ކުރުމަށްވެސް ކެންޑިޑޭޓު ހުންނަންޖެހެނީ ތައްޔާރަށެވެ.

މި އުސޫލުން އަސްޓްރާޒެނީކާގެ ވެކްސިނަށް ރުހުން ދީފައި ވަނީ، ތަފާސް ހިސާބުތަކާއި، ވެކްސިންގެ ކޮލިޓީއާއި، ކާމިޔާބީއަށް ބަލާ، މުރާޖާ ކުރުމަށް ފަހުގައި ކަމަށް ޔޫރަޕިއަން މެޑިސިންސް އޭޖެންސީއިން ބުނެއެވެ. މިކަމުންވެސް، މިވެކްސިނަކީ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭ ވެކްސިނެއްކަން ކަށަވަރު ވާނެ ކަމަށް އެ އޭޖެންސީއިން ބުނެއެވެ.

އަސްޓްރާޒެނީކާގެ ކޮވިޑް ވެކްސިނަކީ، ވިލާތުގެ ރެގިއުލޭޓަރުން ރުހުން ދިން 3 ވަނަ ކޮވިޑް ވެކްސިނެވެ. ވިލާތުގެ މައި ރެގިއުލޭޓަރުން ވެކްސިނަށް ރުހުން ދިން ކަމުގައި ވީ ނަމަވެސް، ވަކިވަކި ގައުމުތަކުގައި އެ ވެކްސިނެއް ބޭނުން ކުރާނެ ކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ ބާރު، ވިލާތުގެ އިއްތިހާދުގެ މެމްބަރު ގައުމުތަކަށް ލިބިގެންވެއެވެ.

ވިލާތުގެ ރެގިއުލޭޓަރުން އަސްޓްރާޒެނީކާގެ ކޮވިޑް ވެކްސިނަށް ރުހުން ދީފައި މި ވަނީ، ސަޕްލައިގެ މައްސަލާގައި ދެ ފަރާތުގެ މެދުގައި ދެބަސްވުންތަކެއް އުފެދިފައި ވާ ދަނޑިވަޅެއްގައެވެ.

އަސްޓްރާޒެނީކާގެ ފޯމިއުލާ ބޭނުން ކޮށްގެން، އެ ކުންފުނީގެ ލައިސަންސްގެ ދަށުން، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިންވެސް ދަނީ ސިނާއީ ފެންވަރުގައި ހަމަ މިވެކްސިން އުފައްދަމުންނެވެ.