ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައި ވާ ވެކްސިންގެ ސަޕްލައިގެ މައްސަލާގައި ވަރުގަދަ ދެބަސްވުންތަކެއް ހިންގަމުން އަންނަ ވިލާތުގެ އިއްތިހާދާއި އަސްޓްރާޒެނީކާ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުން، ޔޫރަޕިއަން ކޮމިޝަނުން އާންމު ކޮށްފިއެވެ.

ޔޫރަޕިއަން ކޮމިޝަނުން އާންމު ކުރި ކޮންޓްރެކްޓަކީ، ވިލާތުގެ އިއްތިހާދު (އީޔޫ)ޣެ މެމްބަރު ގައުމުތަކަށް ކޮވިޑް ވެކްސިން ގަތުމަށް އަސްޓްރާޒެނީކާ ކުންފުންޏާއެކު އެކުލަވާލާފައިވާ އެއްބަސްވުމެކެވެ.

އަސްޓްރާޒެނީކާ ކުންފުންޏާއި އީޔޫއާ ދެމެދު، ދެބަސްވުންތައް އުފެދުނީ، އޯގަސްޓް 27 ވަނަ ދުވަހު އެއްބަސްވެފައިވާ މިންވަރަށް ވެކްސިން ސަޕްލައި ކޮށްދެވެން ނެތް ކަމަށް، އަސްޓްރާޒެނީކާ ކުންފުނިން ބުނި ހިސާބުންނެވެ. އަސްޓްރާޒެނީކާއިން ވަނީ އެއްބަސްވުމުގައި ވާ މިންވަރަށް ވެކްސިން ފޯރު ނުކޮށްދެވޭނީ، ސިނާއީ ފެންވަރުގައި ވެކްސިން އުފެއްދުމުގައި މައްސަލަތަކެއް ދިމާވެގެން ކަމަށް ބުނެފައެވެ.

ސްޓޮކްހޯމް ސިޓީ ހޯލްގައި ވިލާތުގެ އިއްތިހާދުގެ ދިދަ ނަގާފަ/ފޮޓޯ: އޭއެފްޕީ

މިއާއެކު ވިލާތުގެ އިއްތިހާދުން ދަނީ، އިނގިރޭސިވިލާތުގެ ސައިޓްތަކުގައި އަސްޓްރާޒެނީކާ ކުންފުނިން އުފައްދަމުން އަންނަ ވެކްސިން ޑޯޒްތަކުން ސަޕްލައި ފޫ ބައްދާ ދިނުމަށް ޑިމާންޑް ކުރަމުންނެވެ. ވިލާތުގެ އިއްތިހާދުން ބުނަނީ، ކޮންޓްރެކްޓްގައި ވާ ގޮތުން، މިއީ އަސްޓްރާޒެނީކާ ކުންފުނިން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު، އިޓަލީވިލާތުގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި އަސްޓްރާޒެނީކާގެ ސީއީއޯ ފެސްކޯލް ސޮރިއޮޓް ވިދާޅުވީ، ވިލާތުގެ އިއްތިހާދަށް ޑެލިވަރީ ލަސްވަނީ، އިނގިރޭސިވިލާތް ފަދަ ގައުމުތަކުން ދުރާލާ އެއްބަސްވުންތައް ފައިނަލް ކުރުމުން ކަމަށެވެ. އިނގިރޭސިވިލާތުން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީވެސް ކުރިން ކަމަށާ، ވިލާތުގެ އިއްތިހާދުގެ އެއްބަސްވުން އޭރުވެސް މުޅިން ނުނިމޭ ކަމަށް ދޭހަވާފަދަ މޭރުމަކުން އޭނާ ވަނީ ވާހަކަދައްކަވާފައެވެ. ނަމަވެސް، ޔޫރަޕިއަން ކޮމިޝަނުން މިކަމާ ދެކޮޅު ހަދައެވެ.

ކޮވިޑް-19އަށް ވެކްސިން ތަރައްގީ ކުރަމުންދާ އަސްޓްރާޒެނީކާ ކުންފުނި ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ބިޒްނަސް އިންސައިޑާ

އަސްޓްރާޒެނީކާއާއެކު ވެފައިވާ އެއްބަސްވުން ކަމަށް ބުނެ ވިލާތުގެ އިއްތިހާދުގެ މަޖިލީސް ނުވަތަ ޔޫރަޕިއަނުން އާންމު ކުރި ކޮންޓްރެކްޓުން ބައިތަކެއް ސެންސަރު ކޮށްފައި ވާއިރު، ވެކްސިން ޑެލިވާ ކުރަން ޖެހޭ ތާވަލު ވަނީ ސެންސަރު ކޮށްފައެވެ.

ވެކްސިންގެ ސަޕްލައިގެ މައްސަލާގައި އުފެދިފައިވާ ހައިޖާނުގަނޑުގެ ތެރެއިން، ވިލާތުގެ އިއްތިހާދުން ވަނީ އެ ބައްރުން ވެކްސިން އެކްސްޕޯޓް ކުރުމުގެ އުސޫލުތައް ހަރުކަށިކުރާނެ ކަމުގެ އިންޒާރު ދީފައެވެ. މިއަދުގެ ވަގުތެއްގައި އެ ފިޔަވަޅިތައް އިއުލާން ކުރާނެ ކަމަށް ބެލެވެއެވެ. އަސްޓްރާޒެނީކާއިން ދަނީ ބެލްޖިއަމްގައިވެސް ސިނާއީ ފެންވަރުގައި ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.