ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދިއްގަރު ދާއިރާގެ އޭރުގެ މެންބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ބާތިލު އަމުރެއް ކަމަަށް ހައިކޯޓުން ނިންމައިފިއެވެ.

ފާރިސް ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ މައްސަލަ އިސްތިއުނާފް ކުރުމަށް ހައިކޯޓަށް އޭނާ ހުށަހަޅުއްވާފައި ވާއިރު އިސްތިއުނާފުގައި ވަނީ 11 ނުކުތާއެއް ފާހަގަކޮށްފައެވެ. މި މައްސަލަ ބެލުމަށްފަހު ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓްގެ އަމުރު ބާތިލް ކުރަން ނިންމާ ކަމަށެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު އަބްދުއްރައޫފު އިބްރާހިމް އާއި ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ފައިސަލްއެވެ.

ފާރިސް ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރެފައި ވަނީ ޖުލައި 19، 2017 ގައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓް ފާސްކުރުމަށް މަޖިލީހުގެ މެންބަރުންނަށް ނުފޫޒު ފޯރުވާ ގާނޫނާ ހިލާފަށް މަސައްކަތް ކުރައްވާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. ފާރީސް ހައްރަު ކުރުމަށް ފަހު އޭނާ ދޫކޮށްލާފައި ވަނީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ނަތީޖާ ސާފުވުމުން ކަފާލާތުގެ ދަށުންނެވެ. އޭގެ ފަހުން ފާރިސްގެ މައްޗަށް ދަށު ކޯޓުން އިއްވި ހުކުމް ހައިކޯޓުން ބާތިލުކޮށް އޭނާ މިނިވަން ކުރިއެވެ.