ކޮރަޕްޝަން ނައްތާލުމަށް ކުރަމުންދާ މަސައްކަތް ނިނުމަކާ ހަމައަށް ގެންނަން އަދި ކައިރި ވެސް ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމާ ދެކޮޅަށް ކުރަމުންދާ މަސައްކަތް ނިމުމަކާ ހަމައަށް އަންނަން ކައިރި ނުވިއަސް، ކޮރަޕްޝަން ނައްތާލުމަށް ކުރަމުންދާ މަސައްކަތަށް ކުރިއެރުން ލިބޭތަން ފެނިވަޑައިގަންނަވާތީ ހިތްވަރު ލިބި ވަޑައިގަންނަވާ ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް އިން ރާއްޖެއަށް 14 ޕޮއިންޓުގެ ކުރިއެރުމަކާ އެކު، 55 ދަރަޖަ ކުރި އަރާފައިވާ ކަން ފާހަގަ ކުރައްވައެވެ.

2020 ވަނަ އަހަރުގެ ސީޕީއައި އިން ދައްކާ ގޮތުގައި 43 ޕޮއިންޓާ އެކު ރާއްޖެ އޮތީ 180 ގައުމުގެ ތެރެއިން 75 ވަނައިގައެވެ.

މިކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ، 2020 ވަނަ އަހަރުގެ ސީޕީއައިގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ ގައުމަކީ ރާއްޖެ ކަމަށެވެ. މިކަމުން ދޭހަ ވަނީ ކޮރަޕްޝަނަ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި ކުރިއެރުން ލިބެމުންދާ ކަން ކަމަށް އޭސީސީން ބުނެއެވެ. އޭސީސީން އިތުރަށް ބުނީ ރަނގަޅު ކުރަންވީ ދާއިރާތައް ފާހަގަކޮށް، ކަމާބެހޭ ފަރާތްތަކާއެކު، ކޮރަޕްޝަނާ ދެކޮޅަށް ކުރަމުންދާ މަސައްކަތް ވަރުގަދަ ކުރާނެ ކަމަށެވެ.

2020 ވަނަ އަހަރުގެ ސީޕީއައި ހެދުމުގައި ބަލާފައިވަނީ ދުނިޔޭގެ 180 ގައުމާއި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައި ވާ ކަމަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސާވޭތަކަށާއި، ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި ޝާއިރު ކުރާ ދިރާސާތަކުގެ މައްޗަށެވެ. މި އިންޑެކްސް ގައި ބޭނުން ކުރަނީ ސުމަކުން ފެށިގެން 100އާ ދެމެދުގެ މިންގަނޑެކެވެ. އެގޮތުން ސުމަކުން ވަރަށް ކޮރަޕްޓް ގައުމުތައް ރަމްޒު ކޮށްދޭ އިރު، 100 އިން ރަމްޒުކޮށް ދެނީ ކޮރަޕްޝަންގެ އަމަލުތައް މަދު، ހިންގުމުގެ ނިޒާމު ސާފު އަދި ހާމަކަން ބޮޑު ގައުމުތަކެވެ.

ސީޕީއައި ގައި ގައުމުތަކަށް ލިބޭ ޕޮއިންޓް ކަނޑައަޅަނީ މަދުވެގެން ތިން މަސްދަރެއް މެދުވެރިކޮށް ހޯދާ މައުލޫމާތު އެއްކޮށްގެން ނެރޭ ނަތީޖާއެއް ބޭނުން ކޮށްގެންނެވެ. 2020 ވަނަ އަހަރު ރާއްޖޭގެ ނަތީޖާ ނެރުމަށްޓަކައި ރިއާޔަތް ކޮށްފައިވަނީ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންސް، ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް އަދި ވާލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް (ސީޕީއައިއޭ) އަށެވެ. މި މަސްދަރުތަކުން މައުލޫމާތު ހޯދާފައި ވަނީ ޖެނުއަރީ 2019 އިން ޖެނުއަރީ 2020 އަށެވެ.

2020 ވަނަ އަހަރު ރާއްޖެއިން 14 ޕޮއިންޓުގެ ކުރިއެރުމެއް ހޯދާފައި ވާއިރު، 2019 ވަނަ އަހަރު ރާއްޖެ އޮތީ 31 ޕޮއިންޓާއެކު 124 ވަނަ ދަރަޖާގައެވެ. އަދި 2019 ވަނަ އަހަރު 29 ޕޮއިންޓާއެކު، 130 ވަނަ ދަރަޖައަށް ވެއްޓުނުއިރު، މިއަހަރު ވަނީ 14 ޕޮއިންޓް ކުރިއެރުމަކާއެކު 75 ވަނަ ދަރަޖައަށް އަރާފައެވެ.