"ބޭނުން ވަނީ ދުވެ، ފިލަން" ކަމަށް ބުނެ، ބޮލީވުޑްގެ ތަޖުރިބާކާރު ބަތޮލް، އަމީތާބު ބައްޗަން، ފިލްމު "މޭޑޭ"ގެ ޝޫޓިންގް ފަށައިފިއެވެ.

އަޖޭ ދޭވްގަންގެ "މޭޑޭ"ގެ ޝޫޓިންގް ފެށުމުގެ ކުރިން އިންސްޓަގްރާމަށް ދޫކޮށްލި ޕޯސްޓެއްގައި އަމީތާބު ބުނެފައި ވަނީ، ކޮންމެ ފިލްމެއްގެވެސް ޝޫޓިންގްގެ ފުރަތަމަ ދުވަސްކޮޅަކީ ހާސް ކަމާއި ނުތަނަވަސް ކަން ގެނުވާ ވަގުތެއް ކަމަށެވެ.

އަދާ ޖެހުނު އިރު، ފިލްމީ މައިދާނުގައި ބައިގަރުނަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައި ވާ އަމީތާބު ބުނީ، ހާސް ކަމާއި ނުތަނަވަސްކަން އިހުސާސް ކުރެވޭ ކަމަށާ، ދެން ވާނެ ގޮތަކާ މެދު ވިސްނޭ ކަމަށެވެ. އަދި އެ ކަމެއް ވުމުން، އެއީ ބަލައިގަނެވޭނެ ކަމަކަށް ވާނެ ތޯ ނުވަތަ ނޫން ތޯ ވެސް ވިސްނޭ ކަމަށް އަމީތާބު ވަނީ ބުނެފައެވެ.

އަމީތާބު ވަނީ އޭނާގެ ޓްވިޓާގައިވެސް މިފަދަ ވާހަތަކެއް ހިއްސާކޮށްފައެވެ. މި ޓްވީޓަށް ޖަވާބު ދެމުން، އަމީތާބުގެ ކޯ ސްޓާ ރާކުލް ޕްރީތު ސިންހް ބުނީ، މި ފަދަ އިހުސާސެއް ކުރަން ޖެހޭ މީހަކީ ހަގީގަތުގައި އޭނާ ކަމަށެވެ.

އަޖޭ ދޭވްގަން ޑައިރެކްޓް ކުރާ "މޭޑޭ" ގައި ރާކުލްއާއި އަޖޭ ފެނިގެންދާނީ ޕައިލެޓުންގެ ގޮތުގައެވެ. މި ފިލްމުގައި އަމީތާބު އަދާ ކުރާ ރޯލު އޮތީ ސިއްރު ކޮށްފައެވެ.