ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒްނީކާ ކުންފުނި ގުޅިގެން ތަރައްގީ ކޮށްފައިވާ ވެކްސިން އުފައްދަމުން އަންނަ ކާރުހާނާއަކަށް ލިބުނު، ޝައްކު އުފެދޭ ޕެކޭޖަކާއެކު އެ ކާރުހާނާ ހުސްކޮށްފިއެވެ.

ނޯތު ވޭލްސް ޕޮލީސް އިން ބުނީ އެ އިދާރާގެ އޮފިސަރުން ރެކްޒަމް އިންޑިސްޓްރިއަލް އެސްޓޭޓްގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މި ކާރުހާނާއަކީ ވެކްސިން އުފެއްދުމުގެ އިތުރުން ވެކްސިން ރައްކާ ކޮށްފައި ހުންނަ ތަނެއްވެސްމެއެވެ. މި ސަރަހައްދު މިހާރު ވަނީ ކޯޑަން ކޮށްފައެވެ. އަދި އާންމުން އެ ސަރަހައްދަށް ނުދިއުމަށްވެސް ވަނީ އަންގާފައެވެ.

އެއްވެސް މީހަކަށް އަނިޔާއެއް ވެގެން އުޅޭ ކަމުގެ ރިޕޯޓެއް އަދި ނުލިބެއެވެ. ނަމަވެސް، ބޮން ނައްތާ ސްކޮޑްގެ މެމްބަރުން އެ ސަރަހައްދުގައި ހަރަކާތްތެރިވާ ކަމަށް ބީބީސީއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ނުރައްކާތެރި ޕެކޭޖެއް ކަމަށް ޝައްކު ކުރެވޭ ޕެކޭޖު ދިޔަ ކާރުހާނާއަކީ، އަހަރު 300 މިލިއަން ޑޯޒްގެ ވެކްސިން އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ކާރުހާނާއެއް ކަމަށެވެ.

ވެކްސިން ކާރުހާނާއާ އިންވެގެން ހުންނަ ސީއެމްއެސް ރެކްޒަމް ލިމިޓަޑްގެ ހިންގުމުގެ ކަންކަން ކުރަމުން އަންނަ ޖޯން ރޮބާޓްސް ބުނީ، ޖީއެމްޓީ ގަޑިން 11:35 ހާއިރު، ބާރުގަދަ ގޮވުމެއްގެ އަޑު އިވުނު ކަމަށެވެ.

މި ކަމާ ގުޅޭ އިތުރު ތަފްސީލުތަކެއް އިނގިރޭސިވިލާތުގެ ކަމާ ބެހޭ ފަރާތްތަކުން އަދި ހާމައެއް ނުކުރެއެވެ.

މި ދަނޑިވަޅަކީ އަސްޓްރާޒެނީކާއިން ކުރިން އެއްބަސްވެފައި ވާ މިންވަރަށް ވެކްސިން ފޯރުކޮށް ނުދެވިދާނެ ކަމަށް ވިލާތުގެ އިއްތިހާދަށް އެނގުމުން، ހިސާބެއްގެ ދެބަސްވުންތަކެއް އުފެދިފައިވާ ދަނޑިވަޅެކެވެ.

އަވަށްޓެރި އިންޑިއާގައިވެސް އަސްޓްރާޒެނީކާގެ ވެކްސިން އުފައްދަމުން އަންނައިރު، ޕޫނާގައި ހުންނަ ކާރުހާނާއެއްގައި ވަނީ ދާދި ފަހުން ރޯވެފައެވެ.