"އިންސާފު ކޮބާ؟" ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން އަންނަ ހުކުރު ދުވަހު މުޅި ރާއްޖޭގައި މުޒާހަރާ ކުރަން ނިންމައިފިއެވެ.
ޕީޕީއެމް އާއި ޕީއެންސީ ހިމެނޭ އިދިކޮޅު ކޯލިޝަނުން ބުނީ، އަންނަ ހުކުރު ދުވަހުގެ މުޒަހާރާ މުޅި ރާއްޖޭގައި ބާއްވާނެ ކަމަށާއި އެ މުޒާހަރާގައި އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުން ބައިވެރިވެ އެ މަނިކުފާނު މިނިވަން ކުރަން ސަރުކާރަށް ގޮވާލާނެ ކަމަށެވެ.
މާލެއާއި އަތޮޅުތެރޭގައި ބާއްވަން ހަމަޖައްސާފައިވާ މި މުޒާހަރާއަކީ ރާއްޖޭގައި މިހާރު އެއްވެސް ކަމެއްގައި އިންސާފު ނުލިބޭތީ އިންސާފު ހޯދުމަށާއި، ރައްޔިތުންނަށް ދެމުންދާ އަނިޔާތަކަށް އިންސާފު ހޯދަން ގޮޮވާލައި ޝުއޫރު ފާޅު ކުރާނެ މުޒާހާރާއެއް ކަމަށް އެ ކޯލިޝަނުން ބުނެއެވެ. ހުކުރު ދުވަހު މާލޭގެ ސޯޝަލް ސެންޓަރު ކައިރިން މުޒާރާ ފަށައި ނިންމާނީ ޕީޕީއެމް އޮފީސް ކުރި މައްޗަށް ކަމަށް ވެސް ޕީޕީއެމުން ބުނެއެވެ.
ސުލްހަވެރި އިހުތިޖާޖެއްގެ ގޮތުގައި އެހެން ރަށްރަށުގައި މި މުޒާހަރާ ކުރިޔަށް ގެންދާ އިރު މުޒާހާރަށް ބޭނުންވާ ހުއްދަތައް ވެސް ހޯދާނެ ކަމަށް އިދިކޮޅުން ބުނެއެވެ.
މިދިޔަ ހޯމަ ދުވަހު ވެސް އިދިކޮޅު ކޯލިޝަނުން ވަނީ މާލޭގެ އެކި ސަރަހައްދުތަކަށް އެކި ވަގުތުތަކުގައި އެއްވެ މުޒާރަހަރާ ކޮށްފައެވެ. ހޯމަ ދުވަހު މުޒާހަރާ ކޮށްފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރާތީ އެކަމާ އޮތް ކަންބޮޑުވުންތައް ފާޅުކުރުމަށެވެ. އެ މުޒާހަރާގައި އިދިކޮޅުގެ 24 މީހަކު ހައްޔަރު ކުރި އިރު އޭގެ ތެރޭގައި އެއްވުން ލީޑުކުރައްވަމުން ގެންދެވި އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީޕީއެމްގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއުގެ އިތުރުން ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ހިމެނެއެވެ.
ކުރިމިނަލް ކޯޓުން ރައީސް އަބްދުﷲ ޔާމީނަސް ކުރި ހުކުމް ހައިކޯޓުން ދެމެހެއްޓުމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ބުނެފައި ވަނީ، މި ސަރުކާރަކީ އަނިޔާވެރި ސަރުކާރެއްކަން ކަށަވަރު ކޮށްދީފި ކަމަށާއި އިންސާފު ގާއިމް ކޮށްދެވޭނެ ސަރުކާރެއް ނޫންކަން މިއަދު ސާބިތު ކޮށްދީފި ކަމަށެވެ. އަދި އަނިޔާވެރިކަމާ ދެކޮޅަށް އިންސާފު ހޯދުމަށް މުޒަހާރާތައް މާލޭގައި ބާއްވާނެ ކަމަށާއި ޔާމީންގެ ސަޕޯޓަރުންގެ އަޑު ކަނޑުވާ ނުލެވޭނެ ކަމަށެވެ.