ދިވެހިރާއްޖެއިން މިވަގުތު އެންމެ އިސްކަމެއް ދެނީ ބައިނަލްއަގުވާމީ ދަތުރުތައް ފަށާ، ޗައިނާއާއި ރާއްޖެއާއި ދެމެދު ފަތުރުވެރިކަން އަލުން ހިންގައިގަތުމަށް ކަމަށް މިނިސްޓާ އޮފް ސްޓޭޓް ފޮ ފޮރިން އެފެއާޒް އަހުމަދު ހަލީލު ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓާ ހަލީލު މިހެން ވިދާޅުވީ، 3 އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައެވެ. ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ގުޅިގެން ވާޗުއަލް ޕްލެޓްފޯމެއްގައި ކުރިއަށް ގެންދިޔަ މި މަޝްވަރާތަކަކީ ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ ދޭދޭ ގުޅުންތަކާ ބެހޭ މަޝްވަރާތަކުގެ 7 ވަނަ ބުރުގެ ބައްދަލުވުމެވެ.

މިއަދުގެ ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގެ ފަރާތުން އިސްކޮށް ހުންނަވާ، ވާހަކަ ދައްކަވަމުން ހަލީލު އިތުރަށް ވިދާޅުވީ، ކައިރި މާޒީއެއްގައި ޗައިނާގެ ބޯޑަރުތައް އަލުން ހުޅުވާއިރު، މިކަމަށް ވާންޖެހޭ ތައްޔާރީތަކާ ގުޅޭ ގޮތުން، ކަމާ ބެހޭ ފަރާތްތަކުން ކުރަންޖެހޭ ކަންކަން ކުރުމަށ، ސްޓޭކްހޯލްޑަރުންނާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ވާހަކަ ދެއްކި އިތުރު މައުލޫތަކުގެ ތެރޭގައި ދޭދޭ މަސްލަހަތު އެކުލެވޭ ދާއިރާތަކުން ދެ ގައުމުގެ ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ބަދަހި ކުރުން ހިމެނެއެވެ. މީގެ އިތުރުން، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރިގެން ދިއުން ހުއްޓުވުމާއި، އިގުތިސޯދު ނެގެހެއްޓުމާއި، ދަރަނި މައާފު ކުރުމާ ގުޅުން ހުރި މައުލޫތައް ހިމެނޭ ކަމަށް ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓްރީއިން މައުލޫމާތު ދެއެވެ.

މިއަދުގެ މަޝްވަރާތައް ފައްޓަވަމުން ސްޓޭޓް މިނިސްޓާ ހަލީލު ވަނީ، "ވަން-ޗައިނާ" ސިޔާސަތަށް އަދުގެ ދިވެހި ސަރުކާރުގެ ފުރިހަމަ ތާއީދު އޮންނާނެ ކަން، ޗައިނާއަށް ކަށަވަރު ކޮށްދެއްވާފައެވެ. މިމޭރުމުން ހަލީލު ވަނީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކާރިސާގައި ޗައިނާގެ ސަރުކާރާއި ކުންފުނިތަކުން ރާއްޖެއަށް ފޯރުކޮށްދެމުންދާ ދީލަތި އެހީ ފާގަގަކުރައްވާ، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ޗައިނާއާއި ރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން މިހާރުވެސް އެކި މަޝްރޫއުތައް ކުރިއަށްދާއިރު، މަޑުޖެހުމެއް ނެތި މިމަސައްކަތްތައް ކުރިއަށްދާނެ ކަމުގެ ޔަގީންކަން، ޗައިނާގެ ސަރުކާރުން ވަނީ ދީފައެވެ. އަދި އިތުރު ދާއިރާތަކުން މަޝްރޫއުތައް ހިންގިދާނެ ގޮތްތައް ބެލުމަށްވެސް ޗައިނާއާއި ދިވެހި ސަރުކާރުން އެއްބަސްވެފައެވެ.

މިއަދުގެ މަޝްވަރާތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ މިނިސްޓާ އޮފް ސްޓޭޓް ފޮ ފޮރިން އެފެއާޒް އަހުމަދު ހަލީލު ކަމަށާއި، ޗައިނާ ސަރުކާރުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ވައިސް މިނިސްޓާ އޮފް ފޮރިން އެފެއާޒްލޫ ޝައުހުއީ ކަމަށްވެސް ދިވެހި ފޮރިން މިނިސްޓްރީއިން ހަބަރު ދެއެވެ.