މުޅި ދުނިޔޭގެ ނިސްބަތުންވެސް އަލަކަށް ކުރާ ފޮރިން އިންވެސްޓްމަންޓްގެ ރޮނގުން އެންމެ ކުރީގައި އޮތް ގައުމުގެ ރެކޯޑް، ޗައިނާއިން ކަށަވަރު ކޮށްފިއެވެ.

އދއިން އާދީއްތަ ދުވަހު އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ޗައިނާއިން ވަނީ އަލަކަށް ކުރާ ފޮރިން އިންވެސްޓްމަންޓްގެ ރޮނގުން، އަދާ ޖެހުނު އިރު އެންމެ ކުރީގައި އޮތް، ދުނިޔޭގެ 1 ނަންބަރު އިގުތުސޯދު ކަމަށްވާ އެމެރިކާ ވައްޓާލާފައެވެ.

މި ރޮނގުން އެމެރިކާއަށް 1 ނަންބަރުގެ ދަރަޖަ ގެއްލުނީ، ނިމިދިޔަ 2020 ވަނަ އަހަރު، ބޭރުގެ ކުންފުނިތަކުން އެމެރިކާގައި އަލަށް އިންވެސްޓް ކުރި މިންވަރު، އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު، ގާތްގަނޑަކަށް 2 ބައިކުޅަ 1 ބައި ދަށް ވުމުގެ ސަބަބުން ކަމަށް ހަބަރު ލިބެއެވެ.

ކަން މިހެން އޮތްއިރު، ބޭރުގެ ކުންފުނިތަކުން ޗައިނާގެ ކުންފުނިތަކުގައި އިންވެސްޓް ކުރި މިންވަރު، 2020 ވަނަ އަހަރު، 4 ޕަސެންޓަށް އިތުރު ވި ކަމަށް އދގެ ރެކޯޑްތަކުން ދައްކައެވެ. މިއީ ދުނިޔޭގެ ނިސްބަތުން 1 ނަންބަރު މަގާމެވެ.

މި ދަނޑިވަޅަކީ ދުނިޔޭގެ އިގުތިސޯދީ މައިދާނުގައި ޗައިނާއިން އާރާއި ބާރު ގަދަ ކުރަމުން އަންނަ ދަނޑިވަޅެކެވެ.

އދގެ ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވަލޮޕްމަންޓްއިން އާންމު ކުރި ރިޕޯޓަށް ބަލާއިރު، 2020 ވަނަ އަހަރު، ބޭރުގެ ކުންފުނިތަކުން ޗައިނާގައި 163 ބިލިއަން ޑޮލަރު އިންވެސްޓް ކުރިއެވެ. ބޭރުގެ ގައުމުތަކުން، މި މުއްދަތުގައި އެމެރިކާގައި އިންވެސްޓް ކުރީ 134 ބިލިއަން ޑޮލަރު ކަމަށް އދގެ ރެކޯޑްތަކުން ދައްކައެވެ.

2019 ވަނަ އަހަރަށް ބަލާއިރު ބޭރުގެ ފަރާތްތަކުން ވަނީ އެމެރިކާގައި 251 ބިލިއަން ޑޮލަރު އަލަށް އިންވެސްޓް ކޮށްފައެވެ. އެ އަހަރު ޗައިނާގައި އަލަށް އިންވެސްޓް ކޮށްފައި ވަނީ 140 ބިލިއަން ޑޮލަރެވެ.

ބޭރުގެ ފަރާތްތަކުން އަލަށް ކުރާ އިންވެސްޓްމަންޓްގެ ރޮނގުން ޗައިނާ ކުރީގައި އޮތެއްކަމަކު، ބޭރުގެ ފަރާތްތަކުން ކުރި ޖުމުލަ އިންވެސްޓްމަންޓަށް ބަލާއިރު ކުރީގައި އޮތީ އެމެރިކާއެވެ.

ދުނިޔޭގެ 1 ނަންބަރު އިގުތިސޯދުގެ މަގާމަށް ހަނގުރާމަ ކުރަމުން އަންނަ އެމެރިކާއާއި ޗައިނާގައި ބޭރުގެ ފަރާތްތަކުން އިންވެސްޓް ކޮށްފައި ވާ ގޮތަށް ބަލާއިރު، އެމެރިކާގައި މި އިންވެސްޓްމަންޓްތައް މެކުހަށް ޖެހީ 2016 ވަނަ އަހަރުއެވެ. އެ އަހަރު، 472 ބިލިއަން ޑޮލަރު، އެމެރިކާގައި އިންވެސްޓް ކުރިއެވެ. އެ އަހަރު ޗައިނާގައި އިންވެސްޓް ކޮށްފައި ވަނީ 134 ބިލިއަން ޑޮލަރެވެ. 2017 ވަނަ އަހަރަށް ފަހު، ޗައިނާގެ އަދަދުތައް ސިލްސިލާ ގޮތެއްގައި ހިފީ މައްޗަށް ކަމަށް ވީ ނަމަވެސް، އެމެރިކާގެ އަދަދުތައް ދިޔައީ ދަށަށެވެ.

ނިމިދިޔަ 2020 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި އިގުތިސޯދީ ރޮނގުން ޗައިނާއިން ހޯދި ބޮޑު ކާމިޔާބީއާއެކު، މިދިޔަ އަހަރު އެންމެ ވަރުގަދަ އިގުތިސޯދީ ކުރިއެރުން ކަށަވަރު ކުރި ހަމައެކަނި ވަރުގަދަ އިގުތިސޯދުގެ ޝަރަފުވެސް ޗައިނާއިން ވަނީ ކަށަވަރު ކޮށްފައެވެ.

މިދިޔަ އަހަރުގެ ފަހު 3 މަސް ދުވަހު ޗައިނާގެ އިގުތިސޯދުން ހޯދި ކުރިއެރުންތަކާއެކު، މުޅި އަހަރު ދުވަހު އެ ގައުމުގެ އިގުތިސޯދު ވަނީ 2.3 ޕަސެންޓަށް ކުރިއަރާފައެވެ. މިއީ ދުނިޔޭގެ އިގުތިސޯދީ ބާޒާރު ކޮންޓްރޯލް ކުރަމުން އަންނަ ވަރުގަދަ ގައުމުތަކުގެ ތެރެއިން، ކުރިއެރުމެއް ރިޕޯޓް ކުރި ހަމަ އެކަނި އިގުތިސޯދުވެސްމެއެވެ.

އިގުތިސޯދީ މާހިރުން ލަފާ ކުރާ ގޮތުގައި މި ފެށުނު 2021 ވަނަ އަހަރު ޗައިނާގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް، 8.2 ޕަސެންޓަށް ކުރިއަރާނެއެވެ.