ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ލިބިފައިވާ ގައުމުތަކުން ބިނާކުރަނިވި ފިޔަވަޅުތަކެއް އަޅާ، އެ ހަތިޔާރުތައް ނައްތާލުމަށް ދިވެހި ރާއްޖެއިން ގޮވާލައިފިއެވެ.
އދގެ މެމްބަރު ގައުމުތަކުގެ ތެރެއިން، ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ލިބި، އެ ފަދަ ހަތިޔާރުތައް ގުދަން ކޮށްފައިވާ ގައުމުތަކުން އެ ހަތިޔާރުތައް ނައްތާލުމަށް ދިވެހިރާއްޖެއިން މިކަމަށް ގޮވާލާފައި މިވަނީ، ނިއުކްލިއާ ހަތިޔާރު މަނާ ކުރާ އދގެ މުއާހަދާ ތަސްދީގު ކުރުމުގެ މުނާސަބާގައި ސަރުކާރުން އާންމު ކުރި ހާއްސަ ބަޔާނުގައެވެ.
އިންސާނީ ހަލޯރާތާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރުގެ ބާރުގެ ބޭނުން ނުކުރާނެ ކަން ކަށަވަރު ކުރެވެން އޮތް ހަމައެކަނި ގޮތަކުން، މުޅި ދުނިޔެއިން ނިއުކްލިއާ ހަތިޔާރު ނައްތާލުން ކަމަށް ގަބޫލު ކުރާ ހިނދު، ނިއުކްލިއާ ހަތިޔާރު މުޅިން ނައްތާލުމަށް ދިވެހި ރާއްޖެއިން ފުރިހަމަ ތާއީދު ކުރާ ކަމަށް ސަރުކާރުގެ ބަޔާނުގައިވެއެވެ.
ދިވެހިރާއްޖެއިން ވަނީ، ނިއުކްލިއާ ހަތިޔާރު ނައްތާލުމާ ބެހޭ އދގެ މުއާހަދާގައި ބައިވެރިވެފައެވެ. ދިވެހިރާއްޖެއިން މި މުއާހަދާ ބަލައިގަތީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ދިވެހިރާއްޖެއިން ވަނީ ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރުން މަނާ ކުރާ އެއްބަސްވުމުގައިވެސް ބައިވެރިވެފައެވެ.
ނިއުކްލިއާ ހަތިޔާރު ގެންގުޅުން މަނާ ކުރުމަށް ބާރުދޭ ބައިނަލްއަގުވާމީ އެއްބަސްވުމަށް 50 ގައުމަކުން ސޮއި ދީފައި ވާއިރު، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވަނީ ނިއުކްލިއާ ހަތިޔާރު މަނާ ކުރާ އެއްބަސްވުމަށް ސޮއި ދިން 50 ގައުމަށް ސެލިއުޓް އަރުވާފައެވެ.
މިފަދަ އެއްބަސްވުމަކީ ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަމުން އިންސާނިއްޔަތަށް ލިބިދޭނެ ބޮޑު ގެއްލުމަކުން ސަލާމަތްވުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވާއިރު، މިއީ މާޒީގައި ދިން ނިއުކްލިއާ ހަމަލާތަކުގައި މަރުވެދިޔަ މީހުންނަށް ދެވޭ "ޓްރިބިއުޓް"އެއް ކަމަށްވެސް އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ ފާހަގަ ކުރައްވާފައެވެ.
ދިވެހިރާއްޖެއަކީވެސް ނިއުކްލިއާ ހަތިޔާރާ ދެކޮޅަށް ފާޅުގައި ވަކާލާތު ކުރަމުން އަންނަ ގައުމެކެވެ. ރާއްޖެއަކީ މިހާރުވެސް އަދި ކުރިއަށް އޮތްތަނުގައިވެސް ހަތިޔާރު އުފައްދާނެ ގައުމެށް ނޫންކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ޝާހިދު ވަނީ ދުނިޔެއިން ނިއުކްލިއާ ހަތިޔާރާއި، ބޮޑެތި ގެއްލުން ދެނިވި ހަތިޔާރު ނައްތާލުމުގައި އދ އަދާކުރަމުންދާ ދައުރު ފާހަގަކުރައްވާފައެވެ. އަދި މިހާރުވެސް ދުނިޔޭގެ އެކި ގައުމުތަކުގައި ނިއުކްލިއާ ހަތިޔާރު ހުރިކަން ފާހަގަކުރައްވާ، ނިއުކްލިއާ ހަތިޔާރު މަނާކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ ތަންފީޒު ނުކުރާ ގައުމުތަކުން ވީއެންމެ އަވަހަކަށް އެ މުއާހަދާގައި ބައިވެރިވުމަށްވެސް މިނިސްޓަރު ޝާހިދު ވަނީ ގޮވާލައްވާފައެވެ.