މަގުބޫލުކަމާ އެއްވަރަށް ގިނަ ބައެއްގެ ނަފުރަތުވެސް އަމާޒުވެފައިވާ ޓިކްޓޮކް ޕްލެޓްފޯމުގައި ސްޓަންޓެއް ޖައްސަން އުޅުނު ޕާކިސްތާނުގެ ޒުވާނަކު، ރޭލަކުން ޖެހި މަރުވެއްޖެއެވެ.

އެ ޒުވާނާ މަރުވެފައި ވަނީ ރޭލުދަގަނޑު ކައިރިން ހިނގަމުން، ޓިކްޓޮކް ސްޓަންޓެއް ޖައްސަން އުޅުމުގެ ތެރޭގައި ރޭލަކުން ޖެހިގެން ކަމަށް ޕާކިސްތާނުގެ ފުލުހުންނާއި ރެސްކިއު އޮފިޝަލުން މައުލޫމާތު ދެއެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދާއި މާ ދުރު ނޫން ހިސާބެއްގައި އޮންނަ ރާވަލްޕިންޑީ ސިޓީގެ އަވަށެއް ކަމަށްވާ ޝާހް ހާލިދުގައި ހިނގި މިހާދިސާގައި މަރުވެފައިވަނީ، އުމުރުން 18 އަހަރުގެ ހަމްޒާ ނަވީދު ނަމަކަށް ކިއާ ޒުވާނެކެވެ.

ސަރަހައްދީ ރެސްކިއު އޭޖެންސީއިން އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، ހަމްޒާ ނަވީދު ހިނގަމުންދިޔަ މަންޒަރު ވީޑިއޯ ކުރަން ހުރީ އޭނާގެ އެކުވެރިއެއް ކަމަށްވާ ރާޖާ ރަފާގަތު ޒަމާން ކަމަށެވެ.

ރެސްކިއު ޓީމުން ބުނީ، ހާދިސާ ހިނގި ސީންއަށް އެ ޓީމުން ދިޔަ އިރުވެސް ހަމްޒާ މަރުވެފައި ވާ ކަމަށެވެ.

ރޭލުން ޖެހުނީ ޓިކްޓޮކްއާއި އެހެންވެސް ބައެއް ޕްލެޓްފޯމުތަކަށް އަޕްލޯޑް ކުރާނެ ވީޑިއޯއެއް ޝޫޓް ކުރަމުން ދިޔަ ވަގުތުގައި ކަމަށް ކަމާ ބެހޭ ފަރާތްތަކަށް މައުލޫމާތު ދީފައި ވަނީ ހަމްޒާގެ އެކުވެރިން ކަމަށް ހަބަރު ލިބެއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ޕޯސްޓް ކުރުމަށް ސެލްފީއާއި ވީޑީއޯ ނެގުމަކީ ޕާކިސްތާނުގައިވެސް މަގުބޫލު ސަގާފަތެކެވެ.