އަވަށްޓެރި އިންޑިއގެ 13 ސްޓޭޓަކުން ދޫނި ރޯގާގެ ކޭސްތައް ފެނިފައި ވާ ކަމަށް، އެ ގައުމުގެ މިނިސްޓްރީ އޮފް ފިޝަރީޒް، އެނިމަލް ހަސްބަންޑްރީ އެންޑް ޑެއިރީއިންގްއިން ހާމަ ކޮށްފިއެވެ.

އެ މިނިސްޓްރީއިން މައުލޫމާތު ދޭ ގޮތުގައި، އޭވިއަން އިންފްލުއެންޒާ (ދޫނި ރޯގާ)ގެ ކޭސްތައް، 9 ސްޓޭޓަކުން ފެނުނީ ނާމްސޫފީގެ ތެރޭގައި ހިމެނޭ ދޫނިތަކުގެ އާބާދީއިންނެވެ. އަދި 12 ސްޓޭޓެއްގައި އުޅޭ ވަލުދޫނިތަކުން މި ބަލީގެ އަސަރު ފެނިފައި ވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ނާމްސޫފީގެ ގޮތުގައި ގެންގުޅޭ ދޫނިތަކުން އޭވިއަން އިންފްލުއެންޒާގެ ކޭސްތައް ފެނުނު ސްޓޭޓްތަކުގެ ތެރޭގައި ކެރަލާ، ހަރްޔާނާ، މަދްޔަ ޕްރަދޭޝް، މަހާރާޝްތުރާ، ޗައްތީޝްގަރު، އުއްތަރަހާންދު، ގުޖުރާތު، އުއްތަރަ ޕްރަދޭޝް އަދި ޕަންޖާބު ހިމެނެއެވެ. ވަލުދޫނިތަކުން ބަލީގެ އަސަރު ފެނުނު ސަރަހައްދުތަކުގެ ތެރޭގައި މަދްޔަ ޕްރަދޭޝް، ހަރްޔާނާ، މަހާރާޝްތުރާ، ޗައްތީޝްގަރު، ހިމާޝަލް ޕްރަދޭޝް، ގުޖުރާތު، އުއްތަރަ ޕްރަދޭޝް، އުއްތަރަހާންދު، ދިއްލީ، ރާޖަސްތާނު، ޖައްމުއާއި ކަޝްމީރު އަދި ޕަންޖާބު ހިމެނެއެވެ. މި ސަރަހައްދުތަކަކީ، ކާޅާއި، ހިޖުރަ ކުރާ ދޫނިތަކުގެ އާބާދީއިންވެސް ދޫނި ރޯގާގެ އަސަރު ފެނިފައިވާ ސްޓޭޓްތަކެއް ކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް ފިޝަރީޒް، އެނިމަލް ހަސްބަންޑްރީ އެންޑް ޑެއިރީއިންގްއިން މައުލޫމާތު ދެއެވެ.

ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ދޫނިތައް ނައްތާލުމުގެ މަސައްކަތްވެސް އިންޑިއާއިން ދަނީ ކުރަމުންނެވެ. މިކަމުގެ ސަބަބުން ގެއްލުމާއި ކުރިމަތިލާން ޖެހޭ ދަނޑުވެރިންނަށް، އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ މާލީ ބަދަލުވެސް ދެމުންނެވެ.

ދޫނި ރޯގާ ނުވަތަ އޭވިއަން އިންފްލުއެންޒާއަކީ ދޫނިތަކާއި އިންސާނުންގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. މިއީ ވައިރަސް އަކުން ޖެހޭ ބައްޔެކެވެ. ދޫނި ރޯގާ ކިޔެނީ މިވައިރަސްގެ ސަބަބުން ޖެހޭ ރޯގާ ވަލު ދޫނި ތަކާއި، ހިޖުރަކުރާ ދޫނިތަކުގެ މެދުގައި އާންމުކަމުންނެވެ. މިބަލީގެ ޖަރާސީމު ބަލިޖެހިފައިވާ ދޫނީގެ ނަޖިހުގަޔާއި، ނޭވާލާ ނިޒާމުގައި ހުންނަ ދަވައިގަޔާއި، ލޭގައި ހުރެއެވެ.

ކުކުޅު ނުވަތަ ދޫނި ގެންގުޅޭ، އުޅޭ ސަރަހައްދަކާއި، ތަނަކާއި ކައިރިވެ އުޅުމަށްފަހު، އަރިދަފުސް ރޯގާ އާއި ވައްތަރު އަލާމާތް ހުރެ ބަލިވެއުޅޭނަމަ، ޑޮކްޓަރަކާއި، ނުވަތަ ސިއްހީ ހިދުމަތްތެރިއަކާ ވާހަކަ ދެއްކުން މުހިންމެވެ.

އިންސާނުންނަށް މިބަލި ޖެހެނީ މިތަކެއްޗާއި ގައިގޯޅިވެ އުޅުމުގެ ސަބަބުން ނޭގުމުގެ ތެރޭގައެވެ. ބޮޑެތި މީހުންނަށް މިބަލި ޖެހެނީ މިތަކެތި ކަތިލުމަށް ނުވަތަ މިތަކެތީގެ ފަތްނޮޅުމަށް އުޅޭ އުޅުމުގެ ތެރޭގައެވެ. ނުވަތަ ކަތިލާފައިވާ ބަލިޖެހިފައިވާ ދޫނިންނެވެ. ކުޑަކުދިންނަށް މިބަލިޖެހެނީ ބަލިޖެހިފައި ހުންނަ ދިރޭ ކުކުޅާއި، މަރުވާ ކުކުޅާއެކު ކުޅެއުޅުމުގެ ތެރޭގައި ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.