ރާއްޖެއާއި ބައެއް ގައުމުތަކުގެ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަ ކުރުމުގެ ގޮތުން ބައެއް ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއި ސަފީރުންނާ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލު ކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، މި ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައި ވަނީ ނިމި ދިޔަ ހަފްތާގައި ވާޗުއަލްކޮށް ކަމަށާއި 3 ގައުމެއްގެ ހާރިޖީ ވަޒީރުންނާއި، 5 ގައުމަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާ ފޮރިން މިނިސްޓަރު ޝާހިދު ބައްދަލުކުރައްވާފައިވާ ކަމަށެވެ. އެގޮތުން ގާޔާނާއާއި ލާއޯސް އަދި ބެލީޒްގެ ފޮރިން މިނިސްޓަރުގެ އިތުރުން ތައިލެންޑާއި، އެމެރިކާއާއި، ރަޝިއާ، ޗައިނާ އަދި އިންޑިއާގެ ސަފީރާ މިނިސްޓަރު ޝަހިދު ބައްދަލު ކުރެއްވިއެވެ.

ގަޔާނާގެ ފޮރިން މިނިސްޓަރު ހިއުޓޮޓް، ލާއޯސްގެ ފޮރިން މިނިސްޓަރު ސެލުމްޝޭ ކޮމަސިތު އަދި ބެލީޒްގެ ފޮރިން މިނިސްޓަރު އީމޮން ކޯޓްނޭއާ އެކު ބޭއްވި ބައްދަލުވުންތަކުގައި އެ ގައުމުތަކާ އެކު ރާއްޖެއިން ދަމަހައްޓަމުން އަންނަ ގުޅުން އިތުރަށް ބަދަހި ކުރުމާއި، ބައިނަލްއަގްވާމީ މަސްރަހުގައި ގުޅިގެން އިތުރަށް މަސައްކަތް ކުރުމާ ބެހޭ ގޮތުން ޝާހިދު މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ބައެއް ގައުމުތަކުގެ ސަފީރުންނާ ބައްދަލުކުރައްވާފައި ވާއިރު، ތައިލެންޑުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޗުލަމަނީ ޗަރަތްސުވަން ވަނީ އެކަމަނާގެ ސަފީރުކަމުގެ ދައުރު ފުރިހަމަ ކުރެއްވުމުގެ ގޮތުން މިނިސްޓަރު ޝާހިދުއާއެކު ވަދާއީ ބައްދަލުވުމެއް ބާއްވާފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. ހަމައެއާއެކު އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލައިނާ ޓެޕްލިޓްޒް އާއެކު ބޭއްވި ބައްދަލުވުމުގައި ގިނަ މަޝްވަރާތަކެއްވެސް ވަނީ ކުރައްވާފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އެގޮތުން މި އަހަރު ވެސް ދިވެހިރާއްޖެއާ އެމެރިކާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމުގައި އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

އަދި ރަޝިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔޫރީ މަޓޭރީއާ އެކު ބޭއްވި މަޝްވަރާތަކުގައި ވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައި ދިވެހި ކަނޑު މަހަށް ރަޝިޔާގެ ބާޒާރުން އިތުރު ފުރުސަތު ހޯދުމާ ބެހޭ ގޮތުން މިނިސްޓަރ ޝާހިދު މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން އިންޑިއާ އަދި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންނާ އެކު ފޮރިން މިނިސްޓްރީގައި މިނިސްޓަރު ޝާހިދު ވަނީ ބައްދަލު ކުރައްވައި، އެ ގައުމުތަކާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

ބައެއް ފޮރިން މިނިސްޓަރުންނާއި ސަފީރުންނާ ބައްދަލު ކުރެއްވުމުގެ އިތުރުން ޖޯޖިއާގެ ފޮރިން މިނިސްޓަރު ކަމުގެ އިތުރު ދައުރަކަށް އައްޔަން ކުރެވުމާއި، ވައިސް ޕްރައިމް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ޑޭވިޑް ޒަލްކަލިއާނީއަށް ވެސް މިނިސްޓަރު ޝާހިދު ވަނީ ތަހުނިޔާގެ މެސެޖެއް ފޮނުވާފައެވެ. އަދި ޒިމްބާބްވޭގެ ހާރިޖީ ވަޒީރު ޑރ. ސިބުސީސޯ މޯޔޯ އަވަހާރަވުމާ ގުޅިގެން ވެސް ތައުޒިޔާގެ މެސެޖެއް ވަނީ ފޮނުއްވާފައެވެ.