އެމެރިކާގެ ރައީސް ކަމުގެ މަގާމުން 2 ވަނަ ފަހަރަށް ޑޮނާލްޑް ޓްރަމްޕް އަޒުލު ކުރުމަށް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން ފާސްކޮށްފައި ވާ މައްސަލަ، މި މަހުގެ 25 ވަނަ ދުވަހު ސެނެޓް (މަތިގެ) އަށް ހުށަހަޅާނެ ކަމަށް ހަބަރު ލިބިއްޖެއެވެ.

ސެނެޓަށް މައްސަލަ ވެއްދުމާއިއެކު ޓްރަމްޕާ ދެކޮޅަށް ޝަރީއަތް ހިންގަން ފަށާނެއެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން ޓްރަމްޕް އަޒުލުކުރީ ވެރިކަމުގެ ދައުރު ހަމަވާން ހަފުތާއެއްހާ ދުވަހަށް ވެފައި ވަނިކޮށް، ޖެނުއަރީ 13 ވަނަ ދުވަހުއެވެ. އެމެރިކާގެ ގާނޫނު ހަމަޖެހިފައި އޮންނަ ގަތުން، ދައުރު ހަމަވުމަށް ފަހުގައިވެސް، އަޒުލު ކުރުމުގެ ޝަރީއަތް، ގާނޫނު ހަދާ މަޖިލީހުގައި ހިންގުމުގެ ފުރުސަތު އޮވެއެވެ.

އެމެރިކާގައި އަލަށް އެކުލަވާލި ސެނެޓްގެ މެޖޯރިޓީ ލީޑަރު ޗަކް ޝޫމާވެސް ވަނީ، ޓްރަމްޕް އަޒުލު ކުރުމާ ގުޅޭ މައްސަލަ، އަންނަ ހޯމަ ދުވަހު އެ މަޖިލީހަށް ލިބޭނެ ކަމަށް ވިދާޅުވެފައެވެ. ސެނެޓްގައި ޝަރީއަތް ހިންގާ، ޓްރަމްޕްގެ މައްޗަށް ކުށް ސާބިތު ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަންވެސް ޝޫމާ ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން، ޓްރަމްޕް އަޒުލު ކުރުމަށް ފާސް ކުރީ އެންމެ މައްސަލައެއްގައެވެ. އެއީ ޖެނުއަރީ 6 ވަނަ ދުވަހު ޓްރަމްޕް ކުރެއްވި ތަގުރީރެއްގައި، ހަމަނުޖެހުން އުފެއްދުމަށް ހިތްވަރު ދެއްވި ކަމަށް ތުހުމަތު ކޮށެވެ. އެ ދުވަހަކީ ޓްރަމްޕްގެ ސަޕޯޓަރުން، އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ހިންގާ އިމާރާތް (ކެޕިޓޮލް ބިލްޑިންގް)އަށް އުދުވާނީ ހަމަލާތަކެއް ދީ، މުޅި ދުނިޔެ ސިއްސުވާލި ދުވަހެވެ.

ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ ފަރާތުން ސެނެޓްގައި އެންމެ އިސްކޮށް ހުންނަވާ (މައިނޯރިޓީ ލީޑަރު) މިޗް މެކޯނެލް ވެސް ވަނީ ޓްރަމްޕް އަޒުލު ކުރުމުގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ފުރުސަތު ތަނަވަސް ކޮށްދެއްވާފައެވެ. އެހެން ނަމަވެސް، ވަކީލުން ހޯއްދެވުމަށާ ދިފާއު ބިނާ ކުރެއްވުމަށް ޓްރަމްޕަށް މުހުލަތެއް އެރުވުމަށް މެކޯނެލް ވަނީ މަސައްކަތް ކުރައްވާފައެވެ.

މެކޯނެލްގެ ރާގު މިހާރު ވަނީ ބަދަލުވެފައެވެ. ޑިމޮކްރަޓުންގެ ތާވަލާ އެއްގޮތަށް، އަޒުލު ކުރުމުގެ ޝަރީއަތް ހިންގުމަށް އޭނާ ވަނީ ތާއީދު ކޮށްފައެވެ.

ޓްރަމްޕަކީ އެމެރިކާގެ ތާރީހުގައިވެސް 2 ފަހަރަށް އަޒުލު ކުރެވުނު ހަމައެކަނި ރައީސްއެވެ.