ނުރަނގަޅު އެތައް ކަމަކަށް މަޝްހޫރުވެވަޑައިގެންނެވި މަހުޖަނެއްގެ ވެރިކަމުގެ ދައުރަށް ފަހު، އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި މަގާމުގެ ހުވާ ކުރައްވާ، ޖޯސެފް އާރް ބައިޑަން ކުރެއްވި ފުރަތަމަ ތަގުރީރަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކު ބަލައިގަތް ތަގުރީރެކެވެ.
ހުވާ ކުރެއްވުމަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ބައިޑަން ކުރެއްވި ތަގުރީރުގެ ރަހަތައް ހެޔޮ ވަރު ކުރެއްވީ، އެއްބައިވަންތަކަމާއި، ޑިމޮކްރަސީއާއި އުއްމީދުގެ އުޖާލާކަން ގެނެސްދެއްވަމުން ކަމަށް މުޅި ދުނިޔެ އިއްތިފާގުވެއެވެ.
ބައިޑަންގެ ވެރިކަމާއި އިންޑިއާއާއި އޮތް ގުޅުމުގެ ސިލްސިލާއަށް، މި ތަގުރީރު ވަނީ ބޮޅެއް އިތުރު ކޮށްދީފައެވެ.
ގިނަ ބައެއްގެ ހިތް، ބައިޑަންއަށް ލަންބުވާލި މި ތަގުރީރު ލިޔެފައި ވަނީ އެމެރިކާގެ އިންޑިއާ ދަރުކޮޅަށް ނިސްބަތްވާ ވިނޭ ރެޑީއެވެ.
ރައީސުންގެ ތާރީހު ދިރާސާ ކުރައްވާ މިޝޭލް ބެޝްލޯސްވެސް ވަނީ ރެޑީ ލިޔުނު ތަގުރީރަށް ތައުރީފު ކުރައްވާފައެވެ.
ރެޑީއަކީ ބައިޑަންގެ ތަގުރީރުތަކަށް ފަރިތަ ޒުވާނެކެވެ. އޮހައިއޯގައި އުޅެ ބޮޑުވި ރެޑީ ލިޔެދޭ ތަގުރީރުތަކަށް ބައިޑަންވެސް ފަރިތައެވެ. އެމެރިކާގެ ނައިބު ރައީސް ކަމުގެ 2 ވަނަ ދައުރުގައި ބައިޑަން ހުންނެވި ދުވަސްވަރު، ހުރިހާ ތަގުރީރެއްވެސް ބައިޑަންއަށް ތައްޔާރު ކޮށްދިނީ ރެޑީއެވެ. އެކަމުގެ އިސް ޒިންމާ އޮތީވެސް ރެޑީގެ އަތުގައެވެ.
ރެޑީ މިހާރު މަސައްކަތް ކުރަނީ، ބައިޑަން-ހެރިސް ޓްރާންސިޝަންގެ ސްޕީޗްރައިޓަރުގެ މަގާމުގައެވެ.
އިންޑިއާ ދަރިކޮޅަށް ނިސްބަތްވެވަޑައިގަންނަވާ ކަމަލާ ހެރިސްއާއެކު ބައިޑަން ރިޔާސީ ރޭހަށް ނިކުންނަވާ، ކުރެއްވި ކެމްޕޭންތަކުގައި ދެއްވި ތަގުރީރުތަކުގެ މޭސްތިރިއަކީވެސް ރެޑީއެވެ.
ކުރިއަށް އޮތީ ރެޑީގެ ކެރިއަރަށް މުހިންމު ދުވަސްކޮޅެކެވެ. އޭނާ މިހާރު މިސްރާބު ޖަހާފައިވަނީ ވައިޓްހައުސްގެ ޑައިރެކްޓާ އޮފް ސްޕީޗްރައިޓިންގްއާ ދިމާލަށެވެ. އިންޑިއާގެ ތެލަންގާނައަށް ނިސްބަތްވާ ރެޑީ، ތައުލީމު ހާސިލުކޮށްފައި ވަނީ މައޭމީ ޔުނިވާސިޓީއިންނެވެ.