ގާތްގަނޑަކަށް 2 އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު، އިރާގުގެ ވެރިރަށް ބަޣުދާދު ގުޑުވާލި ބޮމުގެ ވަރުގަދަ ހަމަލާތަކުގެ ޒިންމާ ހައްދު ފަހަނައަޅާފައިވާ ހަތިޔާރުއެޅި ހަނގުރާމަވެރި އައިސިސް ޖަމާއަތުން އުފުލައިފިއެވެ.

ބާޒާރުމަތީ ސަރަހައްދެއްގައި ބުރާސްފަތި ދުވަހު ވިދިވިދިގެން ދިން ބޮމުގެ 2 ހަމަލާގައި 32 މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

ބޮމުގެ ފުރަތަމަ ހަމަލާ ދިނީ ބާޒާރުމަތީ ސަރަހައްދެއްގައެވެ. މި ސަރަހައްދުގައި ހަމަލާ ދިނީ ބަލި މީހެއް ކަމަށް ހެދިގެން އުޅުނު މީހެކެވެ. ދެވަނަ ބޮން ގޮއްވާލީ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ސައިކަލެއްގައި ވަތް މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

އިރާގުގެ ރައީސް ބަރްހަމް ސޯލިހު ވަނީ، ގައުމުގެ ހަމަޖެހުން ނަގާލުމަށް ހިންގާ މިފަދަ ހުރިހާ ކަމަކާ ދެކޮޅަށް ސާބިތުކަމާއެކު ތެދުވެވަޑައިގަންނަވާނެ ކަމަށެވެ. އެމެރިކާއާއި ވިލާތުގެ އިއްތިހާދުގެ އިތުރުން އދ އިން ވެސް ވަނީ މި ހަމަލާތައް ކުއްވެރި ކޮށްފައެވެ.

ވިދިވިދިގެން ދިން ބޮމުގެ ހަމަލާތައް ބަޣުދާދަށް އަމާޒުކޮށްފައި މިވަނީ، އިންތިހާބަކަށް ތައްޔާރު ވަމުން ދާ ދަނޑިވަޅެއްގައެވެ. ހަމަލާގެ ޒިންމާ އުފުލި އައިސިސް އިން 2014 ވަނަ އަހަރު ވަނީ އިރާގުގެ 4 ބައިކުޅަ 3 ބައިގެ ކޮންޓްރޯލް ނަގާފައެވެ. ނަމަވެސް ދިގުދެމިގެންދިޔަ ކުރިމަތިލުންތަކާއެކު، އައިސިސް ޖަމާއަތް އޮތީ ފަހަތަށް ޖައްސާފައެވެ.

އެމެރިކާގެ އެކްޓިންގް ސެކްރެޓަރީ އޮފް ސްޓޭޓް ޑެނިއަލް ސްމިތު ވިދާޅުވީ، މި ހަމަލާތަކަކީ ގަތުލުއާންމެއް ކަމަށާ، މިއީ އިރާގުގެ މުއުސޫމު މީހުންނަށް އަދިވެސް ޓެރަރިޒަމްގެ ނުރައްކާ އޮތްކަން އަންގައިދެނިވި ހަމަލާތަކެއް ކަމަށެވެ.

އެމެރިކާގެ 2500 އެއްހާ ސިފައިން މިހާރުވެސް އިރާގުގައި ގާއިމުވެގެން އެބަތިއްބެވެ.