މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ވައިރަހުގެ އަސްލު އޮތީ ކޮންމެ ތަނެއްގައި ކަމުގައި ވީ ނަމަވެސް، މި ބަލިން ދިފާއުވުމަށް ބޭނުން ކުރާނެ ވެކްސިން ރާއްޖެއަށް ލިބުނީ އިންޑިއާގެ ފަރާތުން ކަމަށް، ދިވެހިރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު ސަންޖޭ ސުދީރު ވިދާޅުވެއްޖެއެވެ.

ސުދީރު މިހެން ވިދާޅުވީ، އިންޑިއާ ސަރުކާރާއި ރައްޔިތުންގެ ނަމުގައި ދިވެހި ރާއްޖެއަށް ހަދިޔާ ކުރި 1 ލައްކަ ޑޯޒްގެ ކޮވިޝީލްޑް ވެކްސިން، ދިވެހި ސަރުކާރާ ހަވާލު ކުރުމަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު މެންދުރު ފަހު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އިންޑިއާއިން ބޭރަށް ވެކްސިން ފޯރުކޮށްދިން ފުރަތަމަ ގައުމަކީ ދިވެހިރާއްޖެ ކަން ފާހަގަ ކުރައްވަމުން ސުދީރު ވިދާޅުވީ، ވިދާޅުވީ ދިވެހިރާއްޖެއަކީ އިންޑިއާގެ ޑިޕްލޮމަސީގައި މުހިންމު ދަރަޖައެއް ދެވިފައިވާ ގައުމެއް ކަމަށާ، މި ވެކްސިން ޝިޕްމަންޓާއެކު ދޭދޭ ގުޅުންތައް އާ ހަރުފަތަކަށް ބަދަހިވެގެންދާނެ ކަމަށެވެ.

ގައުމުތަކަށް ކޮވިޑް-19ގެ ވެކްސިން ފޯރުކޮށްދިނުން ފަދަ އިންސާނީ އެހީ ފޯރުކޮށްދިނުމަކީ އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ވައުދުފުޅެއް ކަމަށާ، މިއަދު ފެނިގެން މިދަނީ އެ ވައުދު ފުދިގެންދާ މަންޒަރު ކަމަށްވެސް އިންޑިއާގެ ހައި ކޮމިޝަނަރު ވަނީ ވިދާޅުވެފައެވެ.

އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ހަދިޔާ ކުރި 1 ލައްކަ ޑޯޒްގެ ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާ ޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކޮށް، ސީރިއަމް އިންސްޓިޓިއުޓް އިންޑިއާ (އެސްއައިއައި) އިން ސިނާއީ ފެންވަރުގައި އުފައްދާ ކޮވިޝީލްޑް ވެކްސިނެވެ. މިއީ 90 ޕަސެންޓް ކާމިޔާބު ވެކްސިނެއް ކަމަށް ދިރާސާތަކުން ދައްކައެވެ.

އެސްއައިއައިއަކީ ބައިނަލްއަގުވާމީ ފެންވަރުގައި މިހާރުވެސް، އެކި ބަލިތަކަށް ވެކްސިން އުފައްދަމުން އަންނަ އިތުބާރު ހުރި ކުންފުންޏެކެވެ. ރާއްޖޭގައި ދޭ ކޮވިޑް ވެކްސިނަކީވެސް ރައްކާތެރިކަމުގެ މިންގަނޑުތައް ކަށަވަރުކޮށްފައިވާ ވެކްސިނަކަށް ވާނެ ކަމުގެ ޔަގީންކަން، ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ ދެމުންނެވެ.

ކޮވިޑް-19 ޖައްސާ ވައިރަހަކީ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް 2) އެވެ. މި ވައިރަހުގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށީ 2019 ވަނަ އަހަރުގެ ފަހުކޮޅު، ޗައިނާއިންނެވެ. ނަމަވެސް މިއީ ވައިރަހުގެ އަސްލު ފެށުން ކަމަށް ކަށަވަރުވެފައެއް ނުވެއެވެ. ވައިރަހުގެ އަސްލަކީ ކޮބައިތޯ ބެލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޓީމެއް ޗައިނާގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.