ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އިންޑިއާގައި ސިނާއީ ފެންވަރުގައި އުފައްދާ، އެ ގައުމުން ދިވެހިރާއްޖެއަށް ހަދިޔާކުރި ވެކްސިން ޝިޕްމަންޓާ ދިވެހި ސަރުކާރުން ހަވާލުވެއްޖެއެވެ.

ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި މި ވެކްސިން ޝިޕްމަންޓާ ހަވާލުވެވަޑައިގަތީ ދިވެހި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއާއި ސިއްހަތާ ބެހޭ ވަޒީރު އަހުމަދު ނަސީމުއެވެ.

އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ހަދިޔާ ކުރި 1 ލައްކަ ޑޯޒްގެ ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާ ޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކޮށް، ސީރިއަމް އިންސްޓިޓިއުޓް އިންޑިއާ (އެސްއައިއައި) އިން ސިނާއީ ފެންވަރުގައި އުފައްދާ ކޮވިޝީލްޑް ވެކްސިނެވެ. މިއީ 90 ޕަސެންޓް ކާމިޔާބު ވެކްސިނެއް ކަމަށް ދިރާސާތަކުން ދައްކައެވެ.

ހެލްތު އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގު ވަނީ، ރާއްޖޭގައި ދޭ ވެކްސިނަކީ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ވެކްސިނަކަށް ވާނެ ކަން، ދިވެހި ރާއްޖޭގެ ދައުލަތުގެ މީޑިއާ (ޕީއެސްއެމް)އަށް ދެއްވި ބަސްދީ ގަތުމެއްގައި ވިދާޅުވެފައެވެ.

މި ވެކްސިން ޝިޕްމަންޓަކީ ގާތްގަނޑަކަށް 50000 އެއްހާ މީހުންނަށް ވާ ވެކްސިނެވެ. ރާއްޖޭގައި ވަކި އުސޫލަކުން ވެކްސިން ދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުން ދާއިރު، ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ސިއްހީ ދާއިރާގެ ހިދުމަތްތެރިންނަށެވެ.

އިންޑިއާ ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރާއްޖެއަށް މިއަދު ފޯރުކޮށްދިން ވެކްސިން ޝިޕްމަންޓާއެކު، މި ބަލިމަޑުކަމުން އަރައިގަނެވިދާނެ ކަމުގެ އުއްމީދު އާވެފައި ވާ ކަމަށް، މިއަދު މެންދުރުފަހު ގައުމާ މުހާތަބު ކުރައްވާ، ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ސިއްހީ މާހިރުންގެ އިރުޝާދާއެކު ރާއްޖެއިން ކުރަމުން ދިޔަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މުޅި ރާއްޖެއަށް ވެކްސިން ކަށަވަރު ވެފައި ވާ ކަމުގެ ޔަގީންކަން މިހާރު ލިބިފައި ވާކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.