ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއު ކޮށްދޭ "އާދަޔާ ހިލާފު ފަރުވާއެއް" ބޯ މީހުން މި ބައްޔަށް ޕޮޒިޓިވްވަމުން އަންނަ މައްސަލައެއް، އަވަށްޓެރި ސްރީލަންކާއިން ފެންމަތިވެއްޖެއެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ވެކްސިން އުފެއްދާ، ފޯރުކޮށްދިނުމުގެ ރޭހުގައި ސައެންސްވެރިންނާއި ގައުމުތަކުގެ ސަރުކާރުތަކުން އަވަދިނެތި އުޅެމުންދާ މި ދަނޑިވަޅުގައި، ޝިރުކާއި ބިދުއަ އެކުލެވޭ ގަބޫލުކުރުންތަކެއްގައި ހައްދު ފަހަނައަޅާފައިވާ މީހަކު ލަންކާގައި ހިންގަމުންދާ މި ޖަރީމާގެ ޝިކާރައަކަށް، އެ ގައުމުގެ ބައެއް ވަޒީރުންނާއި ސިޔާސީ ލީޑަރުންވެސް ވެފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ދައްމިކާ ބަންޑާރަ ނަމަކަށް ކިއާ މީހާ ދޭ ބުއިން ބޯ މީހުން ކޮވިޑަށް ޕޮޒިޓިވް ވަމުން ދާއިރު، މި ލިސްޓަށް އެންމެ ފަހުން އިތުރުވި އެއް ނަމަކީ، ސްރީލަންކާހެ ވިމެން އެންޑް ޗައިލްޑް ޑިވަލޮޕްމަންޓް މިނިސްޓަރު ޕިޔާލް ނިޝާންތާ ޑި ސިލްވާއެވެ. އޭނާ ވަނީ މި ބުއިން ތަޖުރިބާ ކުރިތާ މާ ގިނަ އިރުތަކެއް ނުވެ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ދެން ހެދި ޓެސްޓުތަކުންނެވެ.

ދައްމިކާ ބަންޑަރައަކީ ލަންކާގެ ސަރުކާރަށް ތާއީދުކުރާ މީޑިއާތަކުން ޕްރޮމޯޓްވެސް ކުރާ މީހެކެވެ. ނަމަވެސް ލަންކާ ސަރުކާރުން ދަނީ ބަންޑާރައާއި ސަރުކާރާ ގުޅުމެއް ނުވާކަމަށް ސާބިތުކޮށްދިނުމަށް މަސައްކަތްތަކެއް ކުރަމުން ކަމަށް އިންޑިއާގެ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

މިދިޔަ މަހުވެސް ލަންކާގެ އެތައް ހާސް ބަޔަކު ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ލަންކާގައި ތަންފީޒު ކުރަމުންދާ ހަރުކަށި ފިޔަވަޅުތަކަށް ބެލުމެއް ނެތި، "އާދަޔާ ހިލާފު ފަރުވާ" ހޯދުމަށް، ދައްމިކާ ބަންޑާރަ ދިރިއުޅެމުންދާ ގެ ހިމެނޭ ސަރަހައްދަށް ޖަމާވެފައެވެ.