އަދާލަތު ޕާޓީގެ ރައީސް ކަމަށް އެ ޕާޓީގެ މިހާރުގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާދަކުރައްވަން ނިންމަވައިފިއެވެ.

މިނިސްޓަރު އިމްރާން މި ކަން ހާމަކޮށްފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް 5 އަހަރުގެ މުއްދަތަށް އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ވާދަ ކުރުމަށް ނިންމާ އެމަގާމަށް ކުރިމަތި ލައްވާފައިވާ ކަމަށެވެ.

މިގޮތަށް ނިންމީ ގައުމުގެ ހާލަތު ހުރިހާ ގޮތަކުން ވީއެންމެ އަވަހަކަށް އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގައި އިމްރާންގެ ދައުރު މުހިންމު ކަމަށް އެ ޕާޓީގެ ގިނަ މެންބަރުން ފާހަގަކުރައްވާތީ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

އަދާލަތު ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބާއްވާ އެ ޕާޓީގެ ރިޔާސީ އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. އަދާލަތު ޕާޓީގެ ރައީސް ކަމަށް އަންހެނުންނަށް ވެސް ކުރިމަތި ލެވޭނެ ހެން ޕާޓީގެ އަސާސީ ގަވައިދަށް ވަނީ އިސްލާހު ގެނެސްފައެވެ.