ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭން ކުުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް ބުނެ، އިދިކޮޅުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިނުގަތް ކަމަށް އިދިކޮޅުން ބުނެފިއެވެ.

ސިވިލް ކޯޓު ކުރިމަތީ ނޫސްވެރިންނާ ބައްދަލު ކުރައްވާ އިދިކޮޅު ކޯލިޝަނުން ބުނީ އެމައްސަލަ ހުށަހެޅީ އެ ޕާޓީގެ އެތައް ކެންޑިޑޭޓުންގެ ހައްގުތައް ގެއްލޭތީ ކަމަށާއި ނަމަވެސް އެ މައްސަލަ ބަލައިނުގަންނަން ކޯޓުން ނިންމާފައިވާ ކަމަށެވެ.

ދައުވާ ކުރުމުގެ ހައްގަކީ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވާ ހައްގެއް ކަން ފާހަގަކޮށް އެ މައްސަލަ ބަލައިނުގަތުމުން ހާމަވެގެންދަނީ ޝަރުއީ ނިޒާމުގެ ތެރެއިން އިންސާފު ނުލިބޭނެ ކަން ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. އިދިކޮޅުން ވަނީ އެ މައްސަލައިގައި ދާންވާ ހުރިހާ ހިސާބަކަށް ދާނެ ކަމަށާ އެ މައްސަލަ ދޫ ނުކުރާނެ ކަމަށް ވެސް ބުނެފައެވެ.

ހަމަ ހަމަކަމާއެކު ކެމްޕޭންކުރުމުގެ ފުރުސަތު ނެތް ކަމަށް ބުނެ އިދިކޮޅުން ކޯޓަށް މައްސަލަ ހުށަހެޅިއިރު މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން އެ ކޯލިޝަނުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެކަަމަށް ހައްލެއް ނުލިބޭނަމަ، ކޯޓަށް ދާނެ ކަމުގެ އިންޒާރުވެސް މީގެ ކުރިން އެ ކޯލިޝަނުން ވަނީ ދީފައެވެ.

އެ ކޯލިޝަނުން ބުނެފައި ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކުން ރަށްރަށަށް ދަތުރުކުރުމުގެ ހުރަސްތަކެއް އޮތް އިރު، ސަރުކާރުގެ އިސް ފަރާތްތަކަށް އެ ފުރުސަތު ލިބި އިދިކޮޅަށް އެ ފުރުސަތު ނުލިބޭ ކަމަށެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރު ވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ ކޮވިޑް-19އާ ގުޅިގެންނެވެ. މި އިންތިހާބު އަންނަ މާޗު މަހުގެ 6 ވަނަ ދުވަހު ބާއްވަން އީސީން މަސައްކަތް ކުރަމުން އައި ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރީ މަހަށް ދަންމާލުމާ ގުޅިގެން އެ ތާރީހުގައި އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީން ބުނެއެވެ.

ނަމަވެސް މިހާރު ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އެޕްރީލް 3، 2021 ގައި ބޭއްވުމަށް އީސީން ވަނީ ތާވަލު ކޮށްފައެވެ.