ނިމިދިޔަ 2020 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި އިގުތިސޯދީ ރޮނގުން ޗައިނާއިން ހޯދި ބޮޑު ކާމިޔާބީއާއެކު، މިދިޔަ އަހަރު އެންމެ ވަރުގަދަ އިގުތިސޯދީ ކުރިއެރުން ކަށަވަރު ކުރި ހަމައެކަނި ވަރުގަދަ އިގުތިސޯދުގެ ޝަރަފު، ޗައިނާއިން ކަށަވަރު ކޮށްފިއެވެ.

މިދިޔަ އަހަރުގެ ފަހު 3 މަސް ދުވަހު ޗައިނާގެ އިގުތިސޯދުން ހޯދި ކުރިއެރުންތަކާއެކު، މުޅި އަހަރު ދުވަހު އެ ގައުމުގެ އިގުތިސޯދު ވަނީ 2.3 ޕަސެންޓަށް ކުރިއަރާފައެވެ. މިއީ ދުނިޔޭގެ އިގުތިސޯދީ ބާޒާރު ކޮންޓްރޯލް ކުރަމުން އަންނަ ވަރުގަދަ ގައުމުތަކުގެ ތެރެއިން، ކުރިއެރުމެއް ރިޕޯޓް ކުރި ހަމަ އެކަނި އިގުތިސޯދުވެސްމެއެވެ.

2020 އަހަރުގެ އޮކްޓޯބަރުން ޑިސެމްބަރުގެ ނިޔަލަށް ފާއިތުވީ 3 މަސް ދުވަހަށް ބަލާއިރު، ޗައިނާގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ވަނީ، އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 6.5 ޕަސެންޓަށް އިތުރުވެފައެވެ. މި އަދަދު އުޅޭނެ ކަމަށް އިގުތިސޯދީ މާހިރުން ލަފާ ކުރީ 6.2 ޕަސެންޓްގައެވެ. އަދި މުޅި އަހަރު ދުވަހުގެ ކުރިއެރުން އުޅޭނެ ކަމަށް ލަފާ ކުރީ 2.1 ޕަސެންޓްގައެވެ.

މުޅި ދުނިޔެ އިނދަޖައްސާލި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކުރި ޗައިނާއިން އިގުތިސޯދީ ކުރިއެރުންތަކެއް ހާސިލުކޮށްފައި މިވަނީ، އެ ގައުމުގައި ތަންފީޒު ކުރި މަނިޓަރީ އަދި ފިސްކަލް ސިޔާސަތުތަކުގެ ސަބަބުން އުމްރާނީ ބިނާވެއްޓާއި ރިއަލް އެސްޓޭޓްގެ ވިޔަފާރި މެކުހަށް ޖެހުމުންނެވެ. ވައިރަސް ކޮންޓްރޯލް ކުރުމުގައި ޗައިނާއިން ހޯދި ކުރިއެރުންތަކާއެކު ސިނާއީ ކާރުހާނާތަކުގެ މަސައްކަތްވެސް ފެށިއެވެ. ވަކިން ހާއްސަކޮށް ސިއްހީ ބޭސްވެރިކަމުގެ އާލާތްތަކައި، ގެއިން މަސައްކަތްކޮށް ކިއެވުމަށް ބޭނުންވާ އާލާތްތަކަށް އޮތް ބައިނަލްއަގުވާމީ ބޮޑު ޑިމާންޑަށް ކޭޓާ ކުރުމުގައި ޗައިނާއިން ހަރަކާތްތެރިވިއެވެ.

ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް އިތުރުވިއިރު، އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު ޗައިނާ ފައިސާ (ޔުއާން)ގެ އަގުވެސް ވަނީ އުފުލިފައެވެ. އެގޮތުން، އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު ޔުއާންގެ އަގު، 0.06 ޕަސެންޓް އުފުލިފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ވައިރަސް ކޮންޓްރޯލް ކުރުމަށް މުޅި ދުނިޔޭގެ އިގުތިސޯދީ ހަރަކާތްތައް ހެން ހުއްޓުމަކަށް ގެނައި އިރު، ބައިނަލްއަގުވާމީ ފެންވަރުގައި އުފެއްދުންތެރިކަން ވަނީ 4.2 ޕަސެންޓް ދަށަށް ގޮސްފައެވެ. ނަމަވެސް، ޗައިނާއިން މި ދަނޑިވަޅުގައި ހޯދި ކުރިއެރުންތަކާއެކު، ބައިނަލްއަގުވާމީ އިގުތިސޯދުގެ 14.5 ޕަސެންޓް ކޮންޓްރޯލް މިހާރު އޮތީ ޗައިނާ އަތުގައި ކަމަށް ވޯލްޑް ބޭންކުން އަންދާޒާ ކުރެއެވެ. ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް)ގެ ލަފާކުރުންތަކަށް ބަލާއިރު، ދުނިޔޭގެ އެންމެ ވަރުގަދަ އިގުތިސޯދުގެ މަގާމުގައި އޮތް އެމެރިކާ ވައްޓާލުމަށްފަހު، 2028 ވަނަ އަހަރު ޗައިނާއިން އެ މަގާމު ކަށަވަރު ކުރާނެއެވެ.

އިގުތިސޯދީ މާހިރުން ލަފާ ކުރާ ގޮތުގައި މި ފެށުނު 2021 ވަނަ އަހަރު ޗައިނާގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް، 8.2 ޕަސެންޓަށް ކުރިއަރާނެއެވެ.