އިންގްލިޝް ޕްރިމިއާ ލީގުގެ ތާރިހުގައި ވެސް އެންމެ ވާދަވެރި ދެ ޓީމުގެ ގޮތުގައި ކުޅެމުން އަންނަ ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް މިރޭ ކުޅޭ މެޗަކީ މިސީޒަންގައި މިހާތަނަށް ކުޅޭ އެންމެ މުހިންމު މެޗުގެ ގޮތުގައި ފުޓްބޯޅަ ޕަންޑިޓުން ފާހަގަކޮށްފިއެވެ.

މިދިޔަ ސީޒަންގެ ޗެމްޕިއަން ލިވަޕޫލާއި މި ވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އޮތް ޔުނައިޑެޓްގެ މި ކުރިމަތިލުމަކީ މިސީޒަންގައި މި ދެޓީމު މިހާތަނަށް ވާދަ ކުރާ ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން ކުޅުނު މެޗުތަކަށް ބަލާ އިރު މިވަގުތު ފޯމްގައި އޮތީ ޔުނައިޓެޑެވެ. މި ގޮތުން ޔުނައިޓެޑުން އެންމެ ފަހުން ލީގު މެޗަކުން ދަށްވެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އާސަނަލްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އޭނގެ ފަހުން ކުޅުނު ގިނަ މެޗުތަކުން މޮޅުވެ މި ސީޒަން ވެސް ލީގުތައްޓާއި ބުލާ ނިންމާލަން ޖެހޭނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކިޔަމުން ދިޔަ ފާޑުކިއުންތަކަށް ޔުނައިޓެޑުން ވަނީ ރަނގަޅު ޖަވާބެއް ދީފައެވެ. މިދިޔަ ހަފްތާގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ޔުނައިޓެޑް މިހާރު އޮތީ ލިވަޕޫޕް ފަހަތަށް ޖައްސާލުމަށް ފަހު ތާވާލުގެ އެއްވަނައިގައެވެ.

ލިވަޕޫލުގެ ދަނޑުގައި މިރޭ ކުޅޭ މި މެޗުން ޔުނައިޓެޑް މޮޅުވެއްޖެނަމަ ލިވަޕޫލާ ހަ ޕޮއިންޓް ކުރިއަށް ޖެހިލުމަށް އެޓީމަށް ފުރުސަތު ލިބިގެންދާނެއެވެ. އެހެން ނަމަވެސް ލިވަޕޫލާއި ޔުނައިޓެޑް އެންމެ ފަހުން ވާދަ ކުރި 10 މެޗުގެ ތެރެއިން ޔުނައިޓެޑަށް ކާމިޔާބުކުރެވުނީ އެންމެ މެޗެކެވެ.

މިސީޒަންގައި ލިވަޕޫލް ވަނީ 7-2 އަކުން ވެސް ބަލިވެފައި/ ފޮޓޯ: އީޕީއެލް ޓުވިޓާ

މިދިޔަ ސީޒަން ބޮޑު ފަރަގަކުން ކާމިޔާބު ކުރި ލިވަޕޫލް މިވަގުތު ތާވަލުގެ 3 ވަނައިގައި އޮތް ނަމަވެސް އަދި މިއީ އެޓީމަށް ފަސޭހަ ސީޒަނެއް ނޫނެވެ. ލިވަޕޫލްގެ ޑިފެންސަށް ކުޅޭ މުހިންމު ދެތިން ކުޅުންތެރި ދިގު މުއްދަތަށް ކުޅުމާއި ދުރުގައި ތިބި އިރު އެޓީމުން އެންމެ ފަހުން ލީގުގައި ކުޅުނު ތިން މެޗުން ވެސް މޮޅު ކުޅުމެއް ދެއްކިފައެއް ނެތެވެ.

މިސީޒަންގެ މިހާތަނަށް އެޓީމަށް 18 ޕޮއިންޓް ގެއްލިފައިވާ އިރު މިއީ މިދިޔަ ދެ ސީޒަންގައި އެއްކޮށް އެޓީމުން އަތުން ގެއްލުނު ޕޮއިންޓާއި އެއްވަރެކެވެ. މިރޭގެ މެޗުވާނީ ތަަށި ދިފާއުކުރުމަށް ލިވަޕޫލުން ކުރަމުން އަންނަ މަސައްކަތުގައި މިހާތަނަށް ކުރިމަތިލާނެ އެންމެ އުނދަގޫ މެޗަށެވެ.

ލިވަޕޫލާއި ޔުނައިޑެޓް ކުޅޭ މެޗު އޮތީ ރާއްޖޭ ގަޑިން މިރޭ 09:30 ގައެވެ.