މާލޭ ކުޅިވަރު އެކުވެނީ ސަރަހައްދުގައި އެޅި ސިންތެޓިކް ޓްރެކް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހުޅުއްވައި ދެއްވައިފިއެވެ.

ޓްރެކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، މިއީ ހަމައެކަނި އެތުލީޓުން ތަމްރީނުކުރުމަށް ހާއްސަ ތަނެއް ނޫން ކަމަށާއި މިއީ މާލެ ސަރަޙައްދުގައި ދިރިއުޅޭ އެންމެންގެ ޢާންމު ޞިއްޙަތާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއް ކަމަށެވެ. ރައީސް ވިދާޅުވީ، މިއީ ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމާއި ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމެއް ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން ވަރަށް ހާއްސަ އިސްކަމެއްދީގެން ކޮށްފައިވާ މަސައްކަތެއް ކަމަށެވެ.

ރައީސް ވިދާޅުވީ އަމާޒަކީ ކުޅިވަރުގެ ރޮނގުން ދެކޭ ހުވަފެންތައް، ހަގީގަތަކަށް ހެދޭނެ މަގު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން ކަމަށެވެ. އޭގެ އިތުރުން ތޮއްޖެހިފައި އޮތް މި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އާންމު ސިއްހަތު ރަނގަޅުކުރުމަށްޓަކައި ކޮށްދެވެން ހުރި ކޮންމެ ކަމެއް ކޮށްދިނުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިއީ، ދޮށީ އުމުރުގެ ބޭފުޅުންނަށްވެސް، ރައްކާތެރިކަމާއެކު މިތަނުގައި ހިންގަވައި ކަސްރަތުކުރެއްވޭނެ ގޮތަށް، ރަނގަޅު ފެންވަރުގައި ހަދާފައި އޮތް ޓްރެކެއް. މިހާތަނަށް ކަސްރަތު ނުފަށްޓަވާ ބޭފުޅުންވެސް މިތަނަށް ވަޑައިގެން، ހަށިހެޔޮ ދިރިއުޅުމަކަށް މަސައްކަތް ކުރެއްވުމަކީ ވަރަށް ބޭނުންތެރި ކަމެއް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ ކުރިން ވަރަށް އާދައިގެ ގޮތަކަށް އޮތް މި ޓްރެކަށް މިގެނެވުނު ބަދަލުގެ ސަބަބުން، ރާއްޖޭގައި ބާއްވާ ގައުމީ ކަސްރަތު މުބާރާތްތަކާއި ސްކޫލްތަކުގެ ކަސްރަތު މުބާރާތްތަކުގެ ފެންވަރު އެތައް ގުނައަކަށް ރަނގަޅު ވެގެންދާނެ. ކަމަށެވެ.

އޭގެ އިތުރުން ބޭރުގެ މުބާރާތްތަކަށް އެތުލީޓުން ތައްޔާރުކުރުމަށް ވެސް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ އުންމީދަކީ މި ގާއިމުކުރާ ކުޅިވަރު ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން ބައިނަލްއަގްވާމީ މުބާރާތްތަކުން ރާއްޖެއަށް ރީތި ނަން ހޯދައިދޭނެ ގިނަ ޒުވާނުންތަކެއް އުފެދިގެން ދިޔުން ކަމަށެވެ. އަދި ކުޅިވަރުގެ ޒަރީއާއިން އާންމު ސިއްހަތަށް ރައްޔިތުން ދޭ ސަމާލުކަން އިތުރުވެގެން ދިޔުން ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު / ފޮޓޯ: ރައީސް އޮފީސް

މިއަދުގެ ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކައިގައި ވަނީ މި ޓްރެކް ތަރައްގީކުރުމުގެ މަސައްކަތަކީ ވަރަށް ދީލަތި ފަރާތްތަކެއްގެ އެހީތެރިކަމާއެކު، ފުރިހަމަކުރެވުނު ވަރަށް ބޮޑު މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ. މިގޮތުން، ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފާއި، ޓްރެކްގެ އަމަލީ މަސައްކަތް ކުރި ދިވެހި ކުންފުނިތައް ވެސް ރައީސް ފާހަގަކުރެއްވި އިރު ރައީސް ސޯލިހް ވަނީ އިންޑިއާއަށް ވެސް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

ރައީސް ވިދާޅުވީ، މި މަސައްކަތުގައި އިންޑިއާއިން ދިން ދީލަތި އެހީ ފާހަގަކުރައްވާ ކަމަށާއި މިއީ އީ، ދޭދޭ ޤައުމުތަކާއެކު ގުޅުން ބަދަހިކޮށް، ބައިނަލްއަޤްވާމީ ގުޅުންތައް ދެމެހެއްޓުމަށް، ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތުގެ ހެޔޮ ނަތީޖާ ކަމަށެވެ.

ރައީސް ސޯލިހް ވަނީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކޮށް ދެއްވި އެކި އެކި ބޭފުޅުންގެ ނަން ވެސް މިއަދުގެ ރަސްމިއްޔާތުގައި ފާހަގަކުރައްވާފައެވެ. މީގެ ތެރޭގައި، ދިވެހި ކުޅިވަރުގެ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވި އަލްމަރްޙޫމް މުޙައްމަދު ޒާހިރު ނަޞީރުގެ އިތުރުން މައިޒާން ޢަލިމަނިކު އަދި ކުރީގެ ޔޫތް މިނިސްޓަރު ޑޮކްޓަރ ޒާހިރު ޙުސައިންގެ ނަން ހިމެނެއެވެ.