ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ އަސްލަކީ ކޮބައިތޯ ބެލުމަށް ޗައިނާއަށް ދަތުރު ކުރަމުންދާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޓީމުގައި ހިމެނޭ 2 ސައެންސްވެރިއަކަށް ޗައިނާއަށް އެތެރެވުމުގެ ހުއްދަ ނުދިނުމުގެ ސަބަބުން ސިންގަޕޫރުގައި ތާށިވެފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

ޑަބްލިއުއެޗްއޯއިން މިއަދު ކުރި ސިލްސިލާ ޓްވީޓްތަކެއްގައި ބުނީ، ވައިރަހުގެ އަސްލު ދެނެގަތުމަށް ޗައިނާގެ ވޫހާންއަށް ދަތުރު ކުރާ ޓީމުގެ 2 ސައެންސްވެރިއަކަށް ޗައިނާއަށް އަރަން އެ ގައުމުން ހުއްދަ ދީފައި ނުވަނީ، އެމީހުންގެ ހަށިގަނޑުން ނެގި ސާމްޕަލް، ކޮވިޑް-19ގެ އެންޓިބޮޑީޒްއަށް ޕޮޒިޓިވްވުމާ ގުޅިގެން ކަމަށް ޗައިނާއިން އަންގާފައި ވާ ކަމަށެވެ.

ވޫހާންއަށް ދަތުރު ކުރާ ޓީމުގައި ހިމެނޭ މެމްބަރުންނަކީ އެމީހުންގެ އަމިއްލަ ވަޒަނުގައި ތަކުރާރުކޮށް ނެގެޓިވް ޕީސީއާރް ޓެސްޓު ނަތީޖާ ލިބިފައި ވާ ބައެއް ކަމަށްވެސް ޑަބްލިއުއެޗްއޯގެ ޓްވީޓްތަކުގައި ވަނީ ފާހަގަ ކޮށްފައެވެ. އަދި ޗައިނާއަށް އެތެރެ ވުމުގެ ހުއްދަ ދީފައި ނުވާ 2 ސައެންސްވެރިންގެ ހަށިގަނޑުން އަލުން ސާމްޕަލް ނަގާ، ކޮވިޑް-19ގެ އެންޓިބޮޑީޒްއަށް ޓެސްޓު ކުރާނެ ކަމަށްވެސް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

ޓީމުގައި ހިމެނޭ އަނެއް 13 ސައެންސްވެރިން މިއަދުގެ ވަގުތެއްގައި ވޫހާންއަށް އެތެރެވެފައި ވާކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

ޑަބްލިއުއެޗްއޯގެ 2 ސައެންސްވެރިންނާ ގުޅިގެން ޗައިނާގެ ހާރިޖީއްޔާގެ ތަރުޖަމާޏު ޝާއޯ ލީޖިއާން ސީދާ އެއްޗެއް ވިދާޅެއް ނުވިއެވެ. ނަމަވެސް، ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި އެގައުމުން އަމަލު ކުރާ އުސޫލަށް ކަންކަން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ހުސްވި ހަފުތާގައިވެސް ޗައިނާއިން ވަނީ ޑަބްލިއުއެޗްއޯގެ ތަހުގީގު ޓީމަށް ހުރަސް އަޅާފައެވެ. ޑަބްލިއުއެޗްއޯގެ ޓީމަށް މިހާ ހިސާބަށްވެސް ދެވުނީ، އެތައް މަހެއްގެ މަޝްވަރާތަކަށް ފަހުގައެވެ.