ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ވައިރަހުގެ އަސްލަކީ ކޮބައިތޯ ތަހުގީގު ކުރުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން އެކުލަވާލާފައިވާ ތަޖުރިބާކާރުންގެ ޕެނަލް، ވޫހާން ސިޓީއަށް އެތެރެވެއްޖެ ކަމަށް، ޗައިނާގެ ދައުލަތުގެ މީޑިއާ (ސީޖީޓީއެން)އާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

މިއީ، ކޮވިޑް-19އަށް މަގުފަހި ކުރާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2)އާ ގުޅޭ ފުރިހަމަ ދިރާސާތަކެއް ކުރުމަށް ބައިނަލްއަގުވާމީ، މިނިވަން، ތަޖުރިބާކާރުންގެ ޓީމަކަށް ޗައިނާއަށް ދަތުރު ކުރެވުނު ފުރަތަމަ ފަހަރެވެ. މި ޓީމު ޗައިނާއަށް ފޮނުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ހުސްވި ހަފުތާގައިވެސް މި ޓީމު ޗައިނާއަށް އެރުވުމަށް އެ ގައުމުން ވަނީ އިންކާރު ކޮށްފައެވެ.

ވޫހާންއަކީ ސާސްކޮވް-2 އިން ޖައްސާ ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ސަރަހައްދެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު، މި ކޭސްތައް އެންމެ ފުރަތަމަ ފެންނަން ފެށީ ވޫހާންގައި ގަވައިދާ ހިލާފަށް ހިންގި، ސީފުޑް މާކެޓް ސަރަހައްދަކުންނެވެ. ނަމަވެސް، މިއީ ވައިރަހުގެ ހަގީގީ ފެށުމަށް ނުވެދާނެ ކަމަށް ޗައިނާއިން ދަނީ ވަކާލާތު ކުރަމުންނެވެ.

ސައެންސްވެރިންގެ ޓީމުގައި ހިމެނޭ ބައޮލޮޖިސްޓަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، ޑަބްލިއުއެޗްއޯގެ ތަހުގީގުގެ މައިގަނޑު މަގުސަދަކީ އެއްވެސް ބަޔަކު ބަދުނާމު ކުރުމެއް ނޫނެވެ. ނަމަވެސް، މަގުސަދަކީ، މުސްތަގުބަލުގައި ކުރިމަތިލާން ޖެހިދާނެ މިފަދަ ބަލިމަޑުކަމުން ދިފާއުވެ، ސަލާމަތާއި ރައްކާތެރިކަން ހޯދުން ކަމަށެވެ.

ޖަރުމަނުވިލާތުގެ ރޮބާޓް ކޯކް އިންސްޓިޓިއުޓްގެ، ޑރ ފޭބިއާން ލީންޑާޓްޒް އިތުރަށް ވިދާޅުވީ، މި ތަހުގީގަކީ މި ކަމުގައި ޒިންމާ އުފުލަން ޖެހޭ ގައުމު ހޯދުން ނޫން ކަމަށެވެ. ނަމަވެސް އަމާޒަކީ، މިކަން ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، އެއްކުރާ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ކުރިއަށް އޮތް ތަނުގައި ހިނގާފާނެ މިފަދަ ހާދިސާއަކުން ސަލާމަތް ވުން ކަމަށެވެ.

ވޫހާންގައި ހިންގާ ތަހުގީގަކީ 4 ނޫނީ 5 ހަފުތާގެ މިޝަންއެއް ކަމަށްވެސް ޑރ ލީންޑާޓްޒް ވަނީ ހާމަ ކުރައްވާފައެވެ.

ޗައިނާއަށް ދަތުރުކުރި ޑަބްލިއުއެޗްއޯގެ ޓީމާ ބެހޭ އިތުރު ތަފްސީލުތަކެއް އަދި ނުލިބެއެވެ.