"ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް" ކުންފުނީގެ ބޯޑު އެކުލަވާލައިފިއެވެ.

ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަނު ކޮށްފައި ވަނީ މުހައްމަދު ރިޒްވީއެވެ. ރިޒްވީ މީގެ ކުރިން ހުންނެވީ އައިލެންޑް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައެވެ.

ކުންފުނީގެ ޗެއާމަން ކަމަށް އަބްދުލް ލަތީފް ގާސިމް އައްޔަނު ކުރި އިރު ޑިރެކްޓަރުންގެ ގޮތުގައި މުހައްމަދު ފިރުޒުލް ހުސައިން ފިރާޒާއި މުހައްމަދު ޝަފާއު ހަސަން އާއި ހުސައިން ޝާމިން އަދި އަބްދުﷲ ވަހީދު ވަނީ ހަމަޖައްސާފައެވެ.

"ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް" ކުންފުންޏަކީ ސަރުކާރުން ހިންގަމުން ގެންދާ ސަރަޙައްދީ އެއާޕޯޓްތައް ވިޔަފާރީގެ އުސޫލުން ހިންގުމަށާއި، ސަރުކާރުން ރީޖަނަލް އެއާޕޯޓްސް މެދުވެރިކޮށް ހިންގަމުން ގެންދާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ހިންގުމަށްޓަކައި އުފެއްދި ކުންފުންޏެއް ކަމަށެވެ.

ރީޖަނަލް އެއާޕޯޓުތައް މެނޭޖު ކުރުމަށް ސަރުކާރުން އިތުރު ކުންފުންޏެއް އުފައްދާފައި ވަނީ އެ އެއާޕޯޓްތައް މެދުވެރިކޮށް ހިންގަމުން ގެންދާ އެއާޕޯޓުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ހިންގަން ޖެހޭކަމަށް ދެކިވަޑައިގަންވާތީ ކަމަށް އެ ކުންފުނި އުފައްދަވާ ނެރުއްވި ގަރާރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވެއެވެ.

"ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވާފައި ވަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހުއެވެ.