ރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓާގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވާކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
ރައީސް މި ގޮތަށް ނިންމަވާފައި ވަނީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މެދުގައި ހިޔާލު ބަދަލުކޮށް މަޝްވަރާ ކުރުމަށްފަހު ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވާކް ތައާރުފު ކުރުމުގެ އެއް މަގުސަދަކީ ރާއްޖޭގެ ބައިބައިވެފައިވާ އާބާދީތަކަށް ފަސޭހަކަމާއި ރައްކާތެރި ކަމާއެކު އެކަށީގެންވާ ހެޔޮ އަގެއްގައި ދަތުރުކުރެވޭނެ ފުރިހަމަ ފެރީގެ ނިޒާމަކުން ގުޅުވާލުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ދަތުރުފަތުރު ކުރުމުގައި މިހާރު ހުރި ދަތިތައް ނައްތައިލާ، ލުއިފަސޭހަ ޒަމާނީ ހިދުމަތަކަށް ހެދުމަށާއި، ގައުމުގެ އިޖްތިމާއީ އަދި އިގްތިސާދީ ދުވެލި އަވަސްކޮށް ތަރައްގީގެ ފައިދާ ހަމަހަމަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަގުފަހި ކުރުމުގެ ގޮތުން މިހާރު ދެމުން ގެންދާ ދޯނި ފެރީގެ ހިދުމަތްތަކަށް ވުރެ ފެންވަރު ރަނގަޅު ހައި-ސްޕީޑް ފެރީގެ ހިދުމަތްތަކެއް ދިނުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
އިންޓާގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވާކްއަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުން އަދި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން ނޭޝަނަލް ސްޕޭޝަލް ޕްލޭން (2020-2040) ގައި ހިމެނޭ 3 ޒޯންއާއި 6 ރީޖަން ގުޅުވައި ދިނުމަށް ފަރުމާކޮށްފައި ވާ ވިއުގައެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ފެރީ ނެޓްވޯކް އިން 6 ރީޖަންގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅާލެވޭއިރު އެއް ރީޖަން އަނެއް ރީޖަންއާއި ވެސް ގުޅިގެންދާނެ ކަމަށާއި މި ގޮތަށް ފަސިންޖަރުން އުފުލާ ފެރީ ގުޅުވާ ލެވިގެންދާނީ ތަފާތު ތިން ގޮތަކަށް ކަމަށެވެ. އެއީ "ކޮމިއުޓް ލިންކް" އާއި "ނަން-ކޮމިއުޓް ލިންކް" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.
ރައީސް އޮފީހުން ބުނީ ކޮމިއުޓް ލިންކްއަކީ އެ ރީޖަންއެއްގައި ހިމެނޭ ރަށްތައް ގުޅުވައިދޭ އާންމުކޮށް ކުރަންޖެހޭ މަސައްކަތް ނުވަތަ ޒަރޫރީ ބޭނުންތަކަށް ކުރާ ކުރު ދަތުރުތަކަށް ހާއްސަ ކުރެވިފައިވާ ލިންކެއް ކަމަށާއި ނަން-ކޮމިއުޓް ލިންކްއަކީ ދެ ރަށެއްގެ ދެމެދުގައި ކުރާ ދިގު ދަތުރުތަކަށް ހާއްސަ ކޮށްފައިވާ ލިންކެއް ކަމަށެވެ. އަދި ހައިވޭ ލިންކްއަކީ އެއް ރީޖަން އަނެއް ރީޖަންއާ ގުޅުވައިދޭ މައި ދަތުރުފަތުރުގެ ހަބް ކަމަށެވެ.
އިންޓާގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވާކްގައި ހިމެނޭ ދެވަނަ ހިދުމަތަކީ ކާގޯ ނުވަތަ މުދާ އުފުލާ ފެރީގެ ހިދުމަތް ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި މި ހިދުމަތަކީ އެ ރީޖަންއެއްގައި ހިމެނޭ ހުރިހާ ރަށްތަކާ އެންމެ ކައިރީގައި އޮންނަ ކޮމާޝަލް ހަބްއާ ގުޅުވައިދޭނެ ހިދުމަތެއް ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.