ކުރެހުމުގެ ހުނަރު ދައްކާލައިގެން ކޮންމެ މަހަކުވެސް ހާއްސަ އިނާމުތަކެއް ލިބޭނެ މުބާރާތެއް އެސްޓީއޯއިން ފަށައިފިއެވެ.
އެސްޓީއޯއިން ބުނީ، މި މުބާރާތް ކުރިއަށް ގެންދަނީ 2021 ވަނަ އަހަރު އެސްޓީއޯ ކަލަންޑަރުގައި ހިމެނޭ ކުރެހުން ތަކަށް ހާއްސަ ކޮށްގެން ކަމަށެވެ. އެ ގޮތުން މި އަހަރު އެސްޓީއޯއިން ނެރުނު ކަލަންޑަރުގެ ކޮންމެ މަހެއްގައި ރާއްޖޭގައި ހިމާޔަތް ކުރެވިފައިވާ ދިރުން ހުރި އެއްޗެއް ދައްކައި ދީފައި ވާނެއެވެ.
އެހެންކަމުން މުޅި އަހަރުގެ ކޮންމެ މަހަކަށް ވަކިވަކިން އިނާމު ދޭ ގޮތަށް ހަމަޖައްސާ ފައިވާ މި މުބާރާތުގައި ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ދިރުން ހުރި އެއްޗެއް ބޭނުން ކޮށްގެން ކުރެހުން ފުރިހަމަ ކުރުމަށް ކޮންމެ މަހަކުވެސް ހުށަހަޅަމުން ދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
މި މަހު އެ ކުންފުނިން އާންމުކޮށްފައި ވަނީ މާކަނާއެކެވެ. އެ މާކަނާ "ކެންވާސް" ގެ ކަޅު އަދި ހުދު ބެކްރައުންޑް ވެސް ބޭނުން ކުރެވިދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
މެއިން ސަބްޖެކްޓްއެއްގެ ގޮތުގައި އެސްޓީއޯއިން ދީފައިވާ މާކަނާގެ ފޮޓޯއަށް މި މުބާރާތުގައި ޖެހެނީ މާކަނާގެ ތިމާވެށި ކުރަހާށެވެ. ކުރެހުމަށް ފަހު އެ ކުރެހުން ފޭސްބުކް ނުވަތަ ޓްވިޓާގައި ޝާއިއު ކުރުމަށާއި ޝާއިއު ކުރާއިރު stoplc@ ޖެހުމަށް ފަހު އަދި DhivehiDhirumaaiSTO# ޖެހުމަށް އެސްޓީއޯއިން ބުނެއެވެ.
މި މަހުގެ ކުރެހުމަށް ހުށަހަޅާފައި ވާ އިނާމުގެ ތޭރޭގައި ހާއްސަ ތިން އިނާމެއް ހިމެނެއެވެ. އެގޮތުން ފަހުރުވެރި އެއް ވަނައަށް ހޮވޭ ކުރެހުމަކަށް ޓީވީ، ދެވަނަ އަށް ހޮވޭ ފަރާތަކަށް ރެފްރިޖެރޭޓަރެއް އަދި ތިންވަނަ އަށް ހޮވޭ ފަރާތަކަށް އެއާ ޕިއުރިފަޔާއެއް ދޭން ނިންމާފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.
މި ހިނގާ ޖެނުއަރީ މަހުގެ ކުރެހުން ތައް މި މަހުގެ 21 ގެ ކުރިން ފޭސްބުކް އަދި ޓްވީޓާގައި ޕޯސްޓް ކުރުމަށް އެސްޓީއޯއިން ބުނެއެވެ. އަދި މި މުބާރާތަށް ހުށަހަޅާ ކުރެހުންތަކުގެ ތެރެއިން ވަނަ ހޮވުމަށް ފަހު ސޯޝަލް މީޑިއާގައި އިއުލާން ކުރާނެ ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.
މި މުބާރާތުގައި ބައިވެރި ކުރާ ކުރެހުން ތަކަކީ އެ މީހެއްގެ އަމިއްލަ ކުރެހުމަކަށް ވާން ވާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި އެއް އެކައުންޓުން ހުށަހެޅޭނީ ކޮންމެ މަހަކުވެސް އެއް ކުރެހުން ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.