އދ. ހަންޏާމީދޫ ބަނދަރުގެ 15 ޕަސެންޓް އަދި ތ. ގުރައިދޫ ބަނދަރުގެ 22 ޕަސަންޓު ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ހަދާފައި ހުރި ނެރު ފުންކުރުމުގެ މަސައްކަތް ވެސް ނިންމާފައިވާ ކަމަށެވެ. އަދި ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު ފުންކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، 204 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި 266 މީޓަރު އެއްގަމު ތޮށި ހެދުމާއި 160 މީޓަރު ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.

އޭގެ އިތުރުން 1330 ސްކެއާ މީޓަރު ޕޭމަންޓް ހެދުމާއި 6363.1 ކިއުބިކް މީޓަރު ބަނދަރު ފުންކުރުމާއި 404 ކިއުބިކް މީޓަރު ނެރު ފުންކުރުމާއި 12 މޫރިން ބްލޮކްސް ޖެހުމާއި 2 ނެރުބައްތި ޖެހުން އަދި 14 ބަނދަރު ބައްތި ޖެހުން ހިމެނެއެވެ. މި މަޝްރޫއުއަކީ 32.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީން ބުނީ ތ. ގުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތުގެ 63 ޕަސަންޓު އަދި ޕޭމަންޓް ހެދުމުގެ މަސައްކަތުގެ 16 ޕަސަންޓު ނިންމާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 16،533 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި 208 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި 22 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 370 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި 370 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް ހެދުން ހިމެނެއެވެ. މި މަޝްރޫއުއަކީ 46.01 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.