އޭވިއަން އިންފްލުއެންޒާ ނުވަތަ ދޫނި ރޯގާގެ ނުރައްކާ ބޮޑުވަމުން އަންނަ ކަން ފާހަގަކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިންޑިއާގެ މައި ސަރުކާރުން ގޮވާލައިފިއެވެ.

މިގޮތުން ކޯރުތައް ހިމެނޭ ސަރަހައްދުތަކާއި، ދިރޭ ދޫނި ސޫފާސޫފި ވިއްކާ ބާޒާރުތަކާއި، ޒޫތަކާއި، ނާމްސޫފި ގެންގުޅޭ ދަނޑުބިންތަކުގައި ސާވޭލަންސް އިތުރުކޮށް، ނާމްސޫފި ގެންގުޅޭ ދަނޑުބިންތަކުގައި ބައޮސެކިއުރިޓީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް، އިންޑިއާގެ މައި ސަރުކާރުން، އެ ގައުމުގެ ސްޓޭޓްތަކާއި ޔޫނިއަން ޓެރިޓަރީތަކުގެ ސަރުކާރުތަކަށް ވަނީ ގޮވާލާފައެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ފިޝަރީޒް، އެނިމަލް ހަޒްބަންޑްރީ އެންޑް ޑެއިރީންގްއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، ދޫނި ރޯގާއާއި ގުޅިގެން އާންމުން ހޭލުންތެރި ކޮށް، ސައްހަ މައުލޫމާތު ފޯރުކޮށްދީ، ދޮގު މައުލޫމާތު ރައްޔިތުން އެއްކިބާކޮށް، ބަލި ފެތުރިގެން ދިއުން ހުއްޓުވުމަށް މަސައްކަތްތަކެއް ކުރުމަށް، ސްޓޭޓްތަކާއި ޔޫނިއަން ޓެރިޓަރީތަކުގެ ސަރުކާރުތަކަށް ގޮވާލާކަމަށެވެ.

އިންޑިއާގެ ސަމްބާރު ލޭކު ސަރަހައްދުގައި މަރުވެފައިވާ ދޫނިތައް/ފޮޓޯ: ވިކާސް ޗޯދްރީ

މިދިޔަ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފުތާއިން ފަށައިގެން އިންޑިއާގެ އެކި ހިސާބުތަކުން އެތައް ސަތޭކަ ހާސް ދޫންޏަކާއި ޖަނަވާރުތަކެއް މަރުވަމުން ދާއިރު، ރައްކާތެރި ގޮތުގައި މިތަކެތި ނައްތާލުމަށްވެސް އިންޑިއާގެ މައި ސަރުކާރުން ވަނީ، ސްޓޭޓްތަކާއި ޔޫނިއަން ޓެރިޓަރީތަކުގެ ސަރުކާރުތަކަށް ގޮވާލާފައެވެ.

މިއަދާ ހިސާބަށް އައިއިރު، އިންޑިއާގެ 7 ސްޓޭޓަކުން ދޫނި ރޯގާގެ އަސަރު ވަނީ ފެނިފައެވެ.

ދޫނި ރޯގާއަކީ ކޮބާ؟

ދޫނި ރޯގާ ނުވަތަ އޭވިއަން އިންފްލުއެންޒާއަކީ ދޫނިތަކާއި އިންސާނުންގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. މިއީ ވައިރަސް އަކުން ޖެހޭ ބައްޔެކެވެ. ދޫނި ރޯގާ ކިޔެނީ މިވައިރަސްގެ ސަބަބުން ޖެހޭ ރޯގާ ވަލު ދޫނި ތަކާއި، ހިޖުރަކުރާ ދޫނިތަކުގެ މެދުގައި އާންމުކަމުންނެވެ. މިބަލީގެ ޖަރާސީމު ބަލިޖެހިފައިވާ ދޫނީގެ ނަޖިހުގަޔާއި، ނޭވާލާ ނިޒާމުގައި ހުންނަ ދަވައިގަޔާއި، ލޭގައި ހުރެއެވެ.

އިންޑިއާގެ ސަމްބާރު ލޭކު ސަރަހައްދުގައި މަރުވެފައިވާ ދޫނިތައް/ފޮޓޯ: ވިކާސް ޗޯދްރީ

ދޫނި ރޯގާ އިންސާނުންނަށް ޖެހޭކަން ފުރަތަމަ ފަހަރަށް ފާހަގަވެފައިވަނީ 1997 ވަނަ އަހަރު ހޮންގްކޮންގް އިންނެވެ. މިހާތަނަށް މިބަލި ޖެހުނު މީހުންގެ ނިސްބަތަށް ބަލާއިރު ބަލީގައި މަރުވި ނިސްބަތް އިތުރެވެ.

މިއީ މުސްތަގުބަލްގައި ވަބާއެއްގެ ސިފައިގައި ހަލުކަމާއެކު ފެތުރިގެން ދިއުމުގެ ނުރައްކާތެރިކަން އޮތް ބައްޔެއް ކަމަށްވެސް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން މީގެ 10 ވަރަކަށް އަހަރު ކުރިން ވަނީ ލަފާކޮށްފައެވެ.

އާދައިގެ އަރިދަފުސް ރޯގާއެއްގެ ސިފައިގައި ބަލީގެ އުދަނގޫތައް ފެނުމަށްފަހު، ބަލީގެ ފަހުކޮޅުގައި ނުރައްކާތެރި ނިއުމޯނިޔާ އަށް ބަދަލުވެ، ފުރާނައަށް ނުރައްކާވުމަކީ ވެދާނެ ގޮތެކެވެ. އިންސާނުންގެ ތެރޭގައި އެކަކު ގައިން އަނެކާގެ ގަޔަށް ދޫނި ރޯގާ ފެތުރޭކަން އަދި އެނގިފައެއް ނުވެއެވެ.

ކުކުޅު ނުވަތަ ދޫނި ގެންގުޅޭ، އުޅޭ ސަރަހައްދަކާއި، ތަނަކާއި ކައިރިވެ އުޅުމަށްފަހު، އަރިދަފުސް ރޯގާ އާއި ވައްތަރު އަލާމާތް ހުރެ ބަލިވެއުޅޭނަމަ، ޑޮކްޓަރަކާއި، ނުވަތަ ސިއްހީ ހިދުމަތްތެރިއަކާ ވާހަކަ ދެއްކުން މުހިންމެވެ.

އިންޑިއާގައި ދޫނިތަކެއް މަރުވެފާ / ފޮޓޯ: ދަ ޕްރިންޓް

އިންސާނުންނަށް މިބަލި ޖެހެނީ މިތަކެއްޗާއި ގައިގޯޅިވެ އުޅުމުގެ ސަބަބުން ނޭގުމުގެ ތެރޭގައެވެ. ބޮޑެތި މީހުންނަށް މިބަލި ޖެހެނީ މިތަކެތި ކަތިލުމަށް ނުވަތަ މިތަކެތީގެ ފަތްނޮޅުމަށް އުޅޭ އުޅުމުގެ ތެރޭގައެވެ. ނުވަތަ ކަތިލާފައިވާ ބަލިޖެހިފައިވާ ދޫނިންނެވެ. ކުޑަކުދިންނަށް މިބަލިޖެހެނީ ބަލިޖެހިފައި ހުންނަ ދިރޭ ކުކުޅާއި، މަރުވާ ކުކުޅާއެކު ކުޅެއުޅުމުގެ ތެރޭގައި ކަމަށް ބުނެވެއެވެ.