ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު 90 މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.
ލިބިފައި ވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 218 ގައުމަކާއި މަންޒިލަކުން މި ވައިރަހުގެ ކޭސްތައް ރިޕޯޓް ކޮށްފައި ވާއިރު، މިހާތަނަށް ރެކޯޑް ކުރި ޕޮޒިޓިވްވި ކޭސްތަކުގެ ޖުމުލަ އަދަދަކީ 90049436އެވެ.
ކޮވިޑް-19ގެ ކޭސްތައް ރެކޯޑް ކުރަމުން އަންނަ ގޮތަށް ބަލާއިރު އަދިވެސް އެންމެ ގިނަ އަދަދުތަކުން ކޭސް ރެކޯޑް ކުރަނީ އެމެރިކާއިންނެވެ. ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އެމެރިކާއިން 244194 ކޭހެއް ރެކޯޑް ކޮށްފައި ވާއިރު، އެމެރިކާއިން މިހާތަނަށް ރެކޯޑް ކުރި ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 22694613 އަށް އަރާފައެވެ.
އެމެރިކާއާ އެންމެ ގާތުން ކޮވިޑް-19ގެ ކޭސްތައް ރެކޯޑް ކޮށްފައި ވަނީ އަވަށްޓެރި އިންޑިއާއިންނެވެ. އިންޑިއާއިން މި ހާތަނަށް 10.45 މިލިއަނަށް ވުރެ ގިނަ ކޭސް ރެކޯޑް ކޮށްފައިވެއެވެ. ފާއިތުވީ 24 ގަޑިއިރަށް ބަލާއިރު އިންޑިއާއިން ރެކޯޑް ކޮށްފައި ވަނީ 18813 ކޭހެކެވެ.
ކޮވިޑް-19 ޖެހި، މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވި ކަމަށް ރެކޯޑް ކޮށްފައި ވަނީވެސް އެމެރިކާއިންނެވެ. އެމެރިކާއިން މިހާތަނަށް 381416 މީހަކު މި ބަލީގައި މަރުވި ކަމަށް ރިޕޯޓް ކޮށްފައި ވާއިރު، ދެން އެންމެ ގިނަ އަދަދަކަށް މަރުގެ ކޭސްތައް ރިޕޯޓް ކުރީ ބްރެޒީލްއިންނެވެ. ބްރެޒީލްއިން ވަނީ 202657 މަރުގެ ކޭސް ރެކޯޑް ކޮށްފައެވެ.
ކޮވިޑް-19އަށް ކަނޑައެޅިގެން ވަކި ފަރުވާއެއް އަދިވެސް ހޯދިފައެއް ނުވެއެވެ. ނަމަވެސް ބަލި ޖެހޭ މީހުންނަށް ފަރުވާ ދެނީ، އެމީހުންގެ ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ބަލައިގެން ކަމަށް ވާއިރު، މިހާތަނަށް ޝިފާ ލިބި، ރަނގަޅި ވީ މީހުންގެ އަދަދު ވަނީ 64447939 އަށް އަރާފައެވެ.