ކޮވިޑާ ގުޅިގެން ކިޔެވުން ފަސްކުރެވި ޓާމެއް ދިގުދެމިގެން ދިއުމަކީ ދަރިވަރުންގެ އުމުރަށާއި ތައުލީމަށް ގެލުންވާނެ ކަމެއް ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތުމަތު ނަސީރު ވިދާޅުވެއްޖެއެވެ.
އެކަޑެމިކް ކަލަންޑަރަށް ގެނައި ބަދަލާ ގުޅިގެން އުމުރަށް ވާނެ ގޮތާ ބެހޭގޮތުން ގިނަ ބަޔަކު ސުވާލު އުފަދަމުންދާ އިރު އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވިދާޅުވީ، ކުރީގައި ދަރިވަރުން އޯލެވެލް ހަދަނީ އޮކްޓޯބަރު ނޮވެމްބަރުގައި ކަމަށާއި އަދި އެ އިމްތިހާނު ހެދުމަށް ފަހު އޭލެވެލް ގްރޭޑަށް ވަންނަން ގާތްގަނޑަކަށް ފަސް ވަރަކަށް މަސް ދުވަހު ސްކޫލަށް ނުގޮސް ދަރިވަރުން ގޭގައި މަޑު ކުރަން ޖެހޭ ކަމަށެވެ.
ނަމަވެސް އެކަޑެމިކް ކަލަންޑަރަށް ގެނެވުނު ބަދަލާ އެކު މިހާރު ދަރިވަރުން އޯލެވެލް އިމްތިހާން ޖޫން ޖުލައިގައި ނިންމޭނެ ކަމަށާއި އަދި ގިނަ މަސްތަކެއް ކިޔެވުން މަޑުޖައްސާލައިގެން މަޑުކުރަން ނުޖެހި އޮގަސްޓް މަހު އޭލެވެލް ގްރޭޑްތަކުގެ ކިޔެވުން ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ޓާމެއް ދިގު ކުރުމަށް ގެނެވުނު ބަދަލަކީ ދަރިވަރުންގެ އުމުރަށް ގެއްލުންވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑް ބަލިމަޑުކަމުގައި ގިނަ ސްކޫލަތައް ބަންދުކޮށްފައި އޮތުމަށްފަހު މިދިޔަ އަހަރު މެދެއްހާ ހިސާބުގައި ސްކޫލަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދީފައި ވަނީ ގްރޭޑް 7 އިން މަތީގެ ދަރިވަރުންނަށެވެ. އެގޮތުން ދަށް ގްރޭޑްތަކަށް ވަނީ އޮންލައިންކޮށް ކްލާސްތައް ހިންގާފައެވެ. 2020 ވަނަ އަހަރުގެ ކިޔެވުން ކޮވިޑްއާ ގުޅިގެން ފަސްކުރެވި ދެވަނަ ޓާމް އަންނަ އާދިއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، މިފަހަރު ހުރިހާ ގްރޭޑްތަކެއްގެ ދަރިވަރުން ވެސް ސްކޫލަށް ހާޒިރުކޮށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން އިން ބުނެފައި ވެއެވެ.
މާދަމާ ދެވަނަ ޓާމްގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވާ އިރު މިދިޔަ އަހަރު ގިނަ ވަގުތު ދަރިވަރުން ގޭގައި ތިބެން ޖެހުމުގެ ސަބަބުން ކިޔެވުމުގެ އިތުރުން އެކުދިންގެ ސޯޝަލް ސްކިލްސް އާއި އެހެނިހެން ރޫޓީން ކަންކަމަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް ފާތުމަތު ވިދާޅުވިއެވެ. އަދި އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދިއުމުން ކުދިންނަށް ފިލާވަލޫތަކުގައި ހާސިލްވި މިންވަރު ދެނެގަތުމުގެ ފުރުސަތު ޓީޗަރުންނަށް ކުޑަވެގެން ދިޔަކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން 6 މަސް ދުވަސް ދިގު ދައްމާލައިގެން ކިޔެވުން ކުރިއަށް ގެންދަން ޕްލޭން ކުރެވިފައި ވަނީ އިތުރު މަސައްކަތްތަކެއް ކޮށްގެން ކުދިންނަށް ކިޔުވެމުގައި ދިމާވި ގެއްލުން ހޯދައިދެވޭނެ ކަމަށް ފާތުމަތު ވިދާޅުވިއެވެ.
މީގެ އިތުރުން، އެކަޑެމިކް ކަލަންޑަރަށް ބަދަލު ގެނައީ ބޭރު ގައުމުތަކުގައި ވެސް މި ހާލަތުގައި ކަންކަން ކުރާ ގޮތް ބެލުމަށް ފަހު ކަމަށާއި އެކަމާ ގުޅޭ ހުރިހާ ދާއިރާ ތަކަކާއި ޖަމާއަތްތަކާ މަޝްވަރާވެސް ކުރުމަށް ފަހުގައި ކަމަށް ފާތުމަތު ވިދާޅުވިއެވެ. މި ނިންމުމުގެ ސަބަބުން ކުދިންނަށް ފައިދާ ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ފާތުމަތު ވިދާޅުވިއެވެ.