ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައި ވާ ވެކްސިނަކީ ކޮންމެ 6-12 މަހަކުން، ކޮންމެ މީހަކަށްވެސް އަލުން ދޭން ޖެހިދާނެ ވެކްސިނެއް ކަމަށް އިނގިރޭސިވިލާތުގެ ސިއްހަތާ ބެހޭ ވަޒީރު މެޓް ހޭންކޮކް ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ސިއްހަތާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހޭންކޮކް ވިދާޅުވީ، ވެކްސިންގެ ޒަރިއްޔާއިން ދިފާއު ލިއްބައިދޭ މުހުލަތާ މެދު ކަށަވަރު ކަމެއް ނެތް ކަމަށެވެ. ހަމަ ބީދައިން ތަކުރާރު ކޮށް ވެކްސިން ދޭނީ ކިހާ މުއްދަތަކުން ކަންވެސް ކަށަވަރު ނުވާ ކަމަށް ހޭންކޮކް ވިދާޅުވިއެވެ. އެގޮތުން، ކޮންމެ 6 މަހަކުންވެސް ވެކްސިން ދޭން ޖެހިދާނެ ކަމަށާ، ނުވަތަ ކޮންމެ އަހަރަކު އެއްފަހަރު ޖަހަން ޖެހޭ ވެކްސިނަކަށްވެސް ކޮވިޑް ވެކްސިން ވެދާނެ ކަމަށް ހޭންކޮކް ވިދާޅުވިއެވެ.
އިނގިރޭސިވިލާތުން ވަނީ ކޮވިޑް-19ގެ ފުރަތަމަ ޑޯޒްއަށް ފަހު 2 ވަނަ ޑޯޒްއާ ދެމެދު ހޭދަ ވާ މުއްދަތު، 12 ހަފުތާއަށް އިތުރު ކުރުމަށް ނިންމާފައެވެ. މިކަމަށް އިޝާރާތް ކުރައްވަމުން ހޭންކޮކް ވިދާޅުވީ، އެއީ ވީހާވެސް ގިނަ ބަޔަކަށް ވެކްސިން ފޯރުކޮށްދީގެން، ގިނަ ފުރާނަ ސަލާމަތް ކުރުމުގެ އަމާޒުގައި އެޅި ފިޔަވަޅެއް ކަމަށެވެ.
އިނގިރޭސިވިލާތުގައި އާންމު އުސޫލުން ވެކްސިން ދިނުމުގައި ބޭނުން ކުރަނީ ފައިޒާ/ބައޮއެންޓެކް ކުންފުނީގެ ކޮވިޑް ވެކްސިނާއި، އޮކްސްފޯޑް/އަސްޓްރާޒެނީކާގެ ވެކްސިން ކަމަށް ވާއިރު، މި 2 ވެކްސިނަކީވެސް ފުރަތަމަ ޑޯޒްއާއެކު ކޮންމެވެސް ވަރެއްގެ ދިފާއެއް ލިއްބައިދޭ 2 ވެކްސިން ކަންވެސް ހޭންކޮކް ވަނީ ފާހަގަ ކުރައްވާފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޔޫރަޕް ޑައިރެކްޓާ ހާންސް ކްލޫގެ ވެސް ވަނީ، 2 ޑޯޒްގެ މެދުގައި ހޭދަވާ މުއްދަތު އިތުރު ކުރުމަށް ރިއާޔަތް ކުރައްވާ، އެއީ މުހިންމު ނިންމުމެއް އަދި "ރައްކާތެރި ގުރުބާނީއެއް" ކަމުގައި ސިފަ ކުރައްވާފައެވެ.