އެމެޒޯން ކުންފުނީގެ ބާނީ ޖެފް ބެޒޯސް ވައްޓާލުމަށްފަހު، މިވަގުތު ދުނިޔޭގައި ހުރި އެންމެ މުއްސަނދި މަހުޖަނުގެ ޝަރަފު، ޓެސްލާ ކުންފުނީގެ ސީއީއޯ އަދި މަޝްހޫރު ވިޔަފާރިވެރިޔާ އީލޯން މަސްކު ކަށަވަރު ކޮށްފިއެވެ.

އިލެކްޓްރިކް ކާރު ކުންފުނީގެ ބޮޑު ހިއްސާއެއް އޮންނަ މަސްކަށް، 2020 ވަނަ އަހަރަކީވެސް ކާމިޔާބު އަހަރެކެވެ. އެގޮތުން ޓެސްލާ ކުންފުނީގެ ހިއްސާގެ އަގުތައް މިދިޔަ އަހަރުވެސް އިންތިހާއަށް އުފުލިގެން ދިޔައެވެ. އެގޮތުން ހިއްސާގެ، 700 ޕަސެންޓަށް އުފުލެނެވެ.

މިއާއެކު، މިހާރު މަސްކުގެ މިލްކިއްޔާތުގެ އަގަކީ 185 ބިލިއަން ޑޮލަރު ކަމަށް ސީއެންބީސީއިން ލަފާ ކުރެއެވެ. މައުލޫމާތު ލިބޭ ގޮތުގައި ޓެސްލާ ކުންފުނީގެ 21 ޕަސެންޓް ހިއްސާ އޮންނަނީ މަސްކުގެ އަތުގައެވެ.

އެމެރިކާގެ ޖައްވީ އިދާރާގެ ތާރީހީ ދަތުރުގެ ކާމިޔާބު ފެށުމާއެކު ސްޕޭސް އެކްސް ކުންފުނީގެ ބާނީ އަދި މަހުޖަނު އީލޯން މަސްކް (މ) އުފާފާޅުކުރަނީ/ފޮޓޯ: އާކައިޑް

އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) އާ ގުޅިގެން ޖައްވު ތެރޭގައިވެސް ވިޔަފާރި ކުރަން ފަށާފައިވާ "ސްޕޭސް-އެކްސް" އަކީވެސް މަސްކުގެ މިލްކެކެވެ.

2017 ވަނަ އަހަރުން ފަށައިގެން، ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ޝަރަފު އޮންނަނީ ބެޒޯސްގެ އަތުގައެވެ. ނަމަވެސް މަސްކުގެ ޓެސްލާ ކުންފުނީގެ އަގަކީ، ބައިނަލްއަގުވާމީ މަޝްހޫރު ކާރު ކުންފުނިތައް ކަމަށްވާ، ޓޮޔޯޓާ، ވޯކްސްވެގަން، ޔުންޑާއި އަދި ޖެނެރަލް މޮޓޯޒްއާއި ފޯޑްގެ އަގު އެއްކޮށްލުމުން އަންނަ އަގަށް ވުރެވެސް މަތީ އަގެކެވެ.

ނިމިދިޔަ 2020 ވަނަ އަހަރަކީ ބެޒޯސްއަށް ވެސް ކާމިޔާބު އަހަރެކެވެ. ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު މުޅި ދުނިޔެއަށް ފެތުރިގެންދިޔަ އާ އާންމު ހާލަތާއެކު އޮންލައިން ވިޔަފާރިއާއި ކްލައުޑް ކޮމްޕިއުޓިންގް މެކުހަށް ޖެހުމުގެ ފައިދާ ކުރީ ބެޒޯސް ފަދަ ވިޔަފާރިވެރިންނަށެވެ.

މަސްކަށް، ބޭޒޯސް ވައްޓާލެވުމުގެ އެންމެ ބޮޑު އަސްލަކީ، ބެޒޯސްގެ ޒަވާޖީ ހަޔާތް ރޫޅި، އޭނާގެ ވިޔަފާރި ހިއްސާއިން 4 ޕަސެންޓް، (ކުރީގެ) އަނބިމީހާ، މެކެންޒީ ސްކޮޓްއަށް ދޭން ޖެހުމެވެ.