ގއ. ވިލިނގިލީގައި ބޮޑު ދަނޑު އަޅާތީ ފުޓްސަލް ދަނޑު ޓާފަށް ބަދަލެއް ނުކުރާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ ވިލިނގިލީ ފުޓްސަލް ދަނޑުގައި ބަޔަކު ވަނީ ރޯކޮށްލާފައެވެ. މި ދަނޑު ރޯކޮށްލީ ދަނޑުގައި އަޅާފައި އޮތް މެޓުގެ ބަދަލުގައި ޓާފް އަޅައި ނުދީގެން އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުން ކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.
އެކަމާ ގުޅިގެން މަހުލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވިލިނގިލީގައި ބޮޑު ދަނޑު އެޅުމުގެ މަސައްކަތް ދަނީ ކުރިޔަށް ކަމަށާއި ލަސްވީ ކޮވިޑާއި ސަބް ބޭސް ރަނގަޅުކުރަން ޖެހުމުގެ ސަބަބުން ކަމަށެވެ.
އޭގެ އިތުރުން ބޮޑު ދަނޑު އަޅަން ނިންމާފަވާތީ ފުޓްސަލް ދަނޑު ޓާފަށް ބަދަލު ނުކުރާނެކަން ކައުންސިލަށް އަންގާފައިވާ ކަމަށް ވެސް މަހުލޫފު ވަނީ ވިދާޅުވެފައެވެ. އަދި އެއީ އެހެން ރަށްރަށަށް ފުރުސަތު ދިނުމަށް ކަމަށް މަހުލޫފު ވިދާޅުވިއެވެ.
ވިލިނގިލީ ކައުންސިލް މެންބަރު ހަބީބު ހަސަން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފުޓްސަލް ދަނޑުގައި ރޯކޮށްލީ ކޮން ބައެއްކަން ވިދާޅުވާން ދަތި ކަމަށެވެ. ކޮންމެވެސް ބަޔަކު އެތަނުގައި ރޯކޮށްލާފައި ވަނީ ފެޓްރޯލް ފަދަ އެއްޗެއް ބޭނުންކޮށްގެން ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދަނޑުގެ އެކި ދިމަދިމާލުން އަނދާފައި ވައިރު، ދަނޑުގެ ދެބައި ކުޅަ އެއްބައި އެއްކޮށް އަނދާފައިވާ ކަމަށެވެ.
ހަބީބް ވިދާޅުވީ ވިލިނގިލީގެ ފުޓްސަލް ދަނޑަކީ އެދަނޑު އެޅީއްސުރެ ޒުވާނުން އަބަދުވެސް ބޭނުން ކުރަމުން ދާ ދަނޑެއް ކަމަށާއި، އަބަދުވެސް މުބާރާތްތައް ބާއްވަމުން އަންނަ ކަމަށެވެ. އަދި އެއް މުބާރާތް ނިމި، އަނެއް މުބާރާތް ފެށުމުގެ ތައްޔާރީތައް ވަމުން ދަނިކޮށް ދަނޑުގައި ރޯކޮށްލުމަކީ އެރަށު ޒުވާނުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.