ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިން ދިނުމުގެ މަޝްރޫއަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިންޑޮނޭޝިއާގައި، މި ކެމްޕޭން ރަސްމީ ކޮށް ފެށުމުގެ ގޮތުން ފުރަތަމަ ވެކްސިން ޑޯޒް ނަންގަވާނީ ރައީސް ޖޯކޯ ވިޑޯޑޯކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފިއެވެ.

އިންޑޮނޭޝިއާގެ ދައުލަތުން ހިންގަމުން އަންނަ އަންތާރާ ނިއުސް އޭޖެންސީއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި ވިޑޯޑޯ ކޮވިޑް ވެކްސިން ޑޯޒް ނަންގަވާނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

އިންޑޮނޭޝިއާގެ އެކި ހިސާބުތަކުގައި ވެކްސިން ދިނުމުގެ ގައުމީ ކެމްޕޭން ފެށުމަށް ތާވަލު ކޮށްފައި ވަނީ ޖަނަވަރީ 14 އަދި 15 ދުވަހަށް ކަމަށް، އެ ގައުމުގެ ދާހިލީ ވަޒީރު ޓީޓޯ ކަރުނަވިއާން ވަނީ ވިދާޅުވެފައެވެ.

ވެކްސިން ޑޯޒް ނެގުމަށްފަހުގައި ވެސް ޖިސްމާނީ ގައިދުރުކަން ތަންފީޒުކޮށް، މާސްކު ބޭނުން ކުރުމަށް އިންޑޮނޭޝިއާގެ ކޮވިޑް ޓާސްކުފޯހުގެ އިސްވެރިޔާ ޑޯނީ މޮނާޑޯ ވަނީ އިލްތިމާސް ކުރައްވާފައެވެ. ވެކްސިން ލިބުމަކީ ހުރިހާ ކަމެއްގެ ހައްލު ނޫން ކަން އެންމެނަށްވެސް އަންގައިދޭން ޖެހޭ ކަމަށް މޮނާޑޯ ވިދާޅުވެއެވެ. އަދި އެއްބަޔަކު ވެކްސިން ޖެހުމަކީ، އެ ވެކްސިން ނުޖަހާ ތިބޭ މީހުން ބަލިން ރައްކާތެރި ކޮށްދޭނެ ކަމެއް ނޫން ކަންވެސް އަންގައިދޭން ޖެހޭ ކަން މޮނާޑޯ ވަނީ ފާހަގަ ކުރައްވާފައެވެ.

އިންޑޮނޭޝިއާގެ ވެކްސިން މަޝްރޫއުގައި ބޭނުން ކުރަނީ ޗައިނާގެ ފާމަސޫޓިކަލް ކުންފުނި، ސީނޯވެކްގެ ކޮވިޑް ވެކްސިނެވެ. މިހާރުވެސް މި ބްރޭންޑްގެ 3 މިލިއަން ޑޯޒް، އިންޑޮނޭޝިއާއަށް ގެންގޮސްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން އިންޑޮނޭޝިއާއިން ވަނީ އަސްޓްރާޒެނީކާއާއި، ނޯވާވެކްސްއާއެކު، އިތުރު 100 މިލިއަން ޑޯޒް ކަށަވަރު ކުރުމަށް އެއްބަސްވުންތައް އެކުލަވާލާފައި ކަމަށް އަންތާރާއިން ހަބަރު ދެއެވެ. ނަމަވެސް އެ ޝިޕްމަންޓްތައް އިންޑޮނޭޝިއާއަށް ލިބޭނެ ދުވަހެއް އަދި ނޭނގެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތު އިންތިހާއަށް ގޯސް ވަމުން އަންނަ އިންޑޮނޭޝިއާގައި ވެކްސިން ދޭނީ ރައްޔިތުންގެ އަތުން އެއްވެސް ފީއެއް ނުނަގާ، ހިލޭ ކަމަށް، ވިޑޯޑޯ ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އިއުލާން ކުރައްވާފައެވެ.