އިންގްލިޝް ޕްރިމިއާ ލީގުގެ ޗެމްޕިއަންސް ލިވަޕޫލް ރޭ ސައުތްހެމްޓަންއާ ވާދަ ކުރި މެޗުން 0-1 އަކުން ބަލިވެއްޖެއެވެ.
މެޗުގެ ހަމައެކަނި ލަނޑު ސައުތްހެމްޓަން އަށް ޖަހާ ދިނީ ކުރިން ލިވަޕޫލަށް ކުޅުނު ފޯވަޑް ޑެނީ އިންގްސެވެ. މި ލަނޑު އޭނާ ޓީމަށް ކާމިޔާބު މެޗުގެ 2 ވަނަ މިނެޓްގެ ތެރޭގައެވެ.
ލިވަޕޫލުން އެންމެ ފަހުން ކުޅުނު ދެ މެޗުން އެއް ވަރުވެ ތާވާލުގެ ކުރީގައި އޮތް ލީޑު މިހާރު ގެއްލިފައިވާ އިރު ރޭގެ މެޗުގައި ވެސް އެޓީމުގެ ފަރާތުން މާ މޮޅު ކުޅުމެއް ފެނިފައެއް ނުވެއެވެ.
މި ގޮތުން ފުރަތަމަ ހާފްގައި އެޓީމަށް ސައުތްހެމްޓަންގެ ގޯލަށް އަމާޒުކޮށް މާ ގިނަ ހަމަލާތަކެއް ނުއުފެއްދުނު އިރު ދެވަނަ ހާފްގައި ލިވަޕޫލުން އުފެއްދި ހުރިހާ ހަމަލާ ސައުތްހެމްޓަނުން ވަނީ ކާމިޔާބު ކަމާއެކު ދިފާއުކޮށްފައެވެ.
މިއީ މިސީޒަންގައި ލިވަޕޫލުން ދަށްވި ދެވަނަ ފަހަރު ނަމަވެސް ލިވަޕޫލް އަދި ވެސް އޮތީ ތާވާލުގެ އެއްވަނައިގައެވެ. އެހެން ނަމަވެސް އެޓީމާއި ދެވަނައިގައި އޮތް ޔުނައިޑެޓާ އޮތީ ޕޮއިންޓްގެ ގޮތުން އެއް ހަމައެއްގައެވެ. ޔުނައިޑެޓް އިތުރަށް މެޗެއް ވެސް ކުޅެން އެބައޮތެވެ.
ދެން ލީގުގައި ލިވަޕޫލް ވާދަ ކުރަން ޖެހޭނީ ވެސް ޔުނައިޑެޓާއި ކަމަށްވާ އިރު މެޗު ވެގެންދާނީ މިސީޒަންގައި ދެޓީމުން ވެސް މިހާތަނަށް ކުޅޭނެ އެންމެ މުހިންމު މެޗަށެވެ.