ސީއެމްބިއުލާންސް ލޯންޗަކާއި މާލެ އިން ފުރައިގެން ދަތުރުކުރި އެހެން ލޯންޗެއް އިތާފުށި ރިސޯޓު ކައިރިން ކަނޑުމަތިން އެކްސިޑެންޓުވެ ދެ ލޯންޗުގައި ތިބި 4 މީހަކަށް އަނިޔާ ވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، މި އެކްސިޑެންޓް ހިނގާފައިވާ އިރު އެކްސިޑެންޓްވި ސީއެމްބިއުލާންސަކީ މ. މުލިން ފުރައިގެން މާލެ ދަތުރުކުރި ލޯންޗެއް ކަމަށާއި އެ ލޯންޗުގައި 8 މީހުން ތިބި ކަމަށެވެ. އޭގެތެރެއިން 2 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި އަދި އަނެއް ލޯންޗުގައި ތިބި 2 މީހަކަށް ވެސް އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މީގެ އިތުރުން އަނެއް ލޯންޗުން އަނިޔާވި 2 މީހުންގެ ތެރެއިން، ލޯންޗު ދުއްވަން ހުރި ކެޕްޓަނަށް އެކިވަރުގެ އަނިޔާ ލިބިފައި ވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ ދަންވަރު 01:00 ހާއިރު ކަމަށާއި އެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވެފައި ވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަނިޔާވި މީހުން ވަނީ މާލެ ގެނެސްފައެވެ.