މުޅި ދުނިޔޭގައިވެސް މިވަގުތު އޮޕަރޭޓް ކުރާ އެންމެ އަގު ހުރި ސައިކަލު ކުންފުނީގެ ޝަރަފު، އިންޑިއާގެ ބަޖާޖް އޮޓޯއިން ކަށަވަރު ކޮށްފިއެވެ.

ބަޖާޖް އޮޓޯއިން މި ޝަރަފު ކަށަވަރު ކުރީ، ގާތްގަނޑަކަށް 13.6 ޑޮލަރުގެ އަގަކާއެކުގައެވެ.

އިންޑިއާގެ ނޭޝަނަލް ސްޓޮކް އެކްސްޗޭންޖެ ނުވަތައް ހިއްސާގެ ބާޒާރުގައި އެ ކުންފުނީގެ ހިއްސާގެ އަގުތައް 1 ލައްކަ ކްރޯރް ރުޕީޒްއަށް ވުރެ މައްޗަށް އަރާފައި ވާއިރު، މިއީ ދުނިޔޭގެ އެއްވެސް ކުންފުންޏަކަށް މިހާތަނަށް ހޯދުނު އަގެއް ނޫން ކަމަށް ބަޖާޖް ކުންފުނިން ވަކާލާތު ކުރެއެވެ.

މި ދަނޑިވަޅަކީ ބަޖާޖް ކުންފުނިން ސައިކަލު އުފެއްދުމުގެ އޮޕަރޭޝަންގައި ހަރަކާތްތެރި ވާތާ 75 އަހަރު ފުރޭ މުނާސަބު ދަނޑިވަޅުވެސްމެއެވެ.

އިންޑިއާގެ ބަޖާޖް އޮޓޯ ކުންފުނީގެ ސައިކަލެއް ދައްކާލަނީ / ފޮޓޯ: ބިޒްނަސް އިންސައިޑާ

ބަޖާޖް އޮޓޯގެ މެނޭޖިންގް ޑައިރެކްޓާ ރަޖީވް ބަޖާޖް ވިދާޅުވީ، މި ކާމިޔާބީއަކީ ސައިކަލު އުފެއްދުމަށް އެކުންފުނިން ދޭ ހާއްސަ ސަމާލު ކަން ކަމަށާ، ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަކުން ކަސްޓަމަރުންގެ ބޭނުންތަކަށް ކޭޓާ ކޮށްދިނުމަށް އެ ކުންފުންޏަށް އާ ހިތްވަރެއް ލިބިފައި ވާ ކަމަށެވެ.

މުޅި އިންޑިއާއަށް ބަލާއިރުވެސް 2 ފުރޮޅުލީ އެއްގަމު އުޅަނދުގެ ބާޒާރު ކޮންޓްރޯލް ކުރަނީ ބަޖާޖް އޮޓޯއިންނެވެ. ބަޖާޖް ކުންފުނިން ދަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން 70 އަށް ވުރެ ގިނަ ގައުމަށް އެކުންފުނީގެ އުފެއްދުންތައް އެކްސްޕޯޓް ކުރަމުންނެވެ.