ދ. ކުޑަހުވަދޫގައި އަނިޔާވެރި ގޮތަކަށް މަރާލި ހަސަން އަލީ (އައްޔުބެ)ގެ މަރުގެ މައްސަލާގައި ކުށްވެރިވި މީހަކު 9 އަހަރު ފަހުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.
އައްޔުބެ މަރާލާފައި ވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަސް ތެރޭގައެވެ. ތޫނު އެއްޗަކުން ހަމަލާދީ އޭނާ މަރާލާފައި އޮތްވާ ފެނުނީ ދ. ކުޑަހުވަދޫ ފަޅު ގެއެއް ތެރޭގައެވެ. އެ މައްސަލާގައި އިއުތިރާފްވެފައި ވަނީ އޭރު އުމުރުން 18 އަހަރު ނުފުރޭ ދެ ކުއްޖެކެވެ.
މި މަރުގެ މައްސަލާގައި ދެ ކުދިންގެ އިއުތިރާފާއެކު 2012 ޑިސެމްބަރު މަހުގެ ތެރޭގައި، އެ ކުދިންގެ މައްޗަށް ކުށް ސާބިތުވަ ކަމަށް ޖުވެނައިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އޭރު ހުކުމް ކުރީ އައްޔުބެގެ ވާރިސުންގެ ތެރޭގައި ހުރި ބާލިޣުނުވާ ކުއްޖަކު ބާލިޣުވެ، މަރަށް މަރު ހިފުމާ މެދު ގޮތެއް ނިންމަންދެން އެ ދެކުދިން ޖަލުގައި ބޭތިއްބުމަށެވެ.
މި މައްސަލާގައި ހިމެނޭ އެކަކު ވަނީ 2017 ވަނަ އަހަރު މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އޭރު ހައިކޯޓުން ނިންމީ އޭނާގެ މައްޗަށް އެ ކުށް ސާބިތު ނުވާ ކަމަށެވެ. މި މައްސަލާގައި ދެން ހިމެނޭ މީހާ މައްސަލަ އިސްތިއުނާފް ކުރީ 2020 ވަނަ އަހަރުގައެވެ. އެ މައްސަލަ މިއަދު ހައި ކޯޓުގައި ޝަރީއަތް ފަށާފައި ވާއިރު، އެ މައްސަލަ ހައި ކޯޓުގައި ބަލަނީ 5 ފަނޑިޔާރުންގެ ބެންޗަކުންނެވެ.
މި މައްސަލާގައި ހިމެނޭ ދެ މީހުންނަކީ ކުށް ކުރިއިރު އުމުރުން 18 އަހަރު ނުފުރޭ ދެ ކުޑަކުދިންނެވެ. އެ މީހުންނަށް މިހާރު 18 އަހަރު ވެފައި ވީ ނަމަވެސް ކުޑަކުދިންގެ ގޮތުގައި ތިބެ ކުށް ކުރާ މީހުންގެ ވަނަވަރު ހާމަ ކުރުމަކީ މަނާ ކަމެކެވެ.
އައްޔުބެގެ މަރާ ގުޅޭގޮތުން އޭރު ކުޑަހުވަދޫ މީހުން ބުނަމުން އައީ އޭނާއަކީ ސިހުރު ހަދައިގެން އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރާ މީހެއް ކަމަށެވެ. އަދި އޭނާ މަރާލާފައި ވަނީ އައްޔުބެ އެފަދައިން އަނިޔާ ދިން ކުއްޖަކާ ގުޅުން ހުރި ބައެއް ކަމަށް ވެސް ބުނެ އުޅެއެވެ.