މި ހިނގާ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުން ފަށައިގެން ސްރީލަންކާގެ ބޯޑަރުތައް، ކޮމާޝަލް ފްލައިޓްތަކަށް ހުޅުވާލަން ނިންމާފައި ވާ ކަން، އެ ގައުމުގެ ސްޓޭޓް މިނިސްޓަރު ނިމާލް ލަންސާ ހާމަ ކުރައްވައިފިއެވެ.

ނިމާލް ލަންސާ ވިދާޅުވީ ކޮމާޝަލް ފްލައިޓްތަކަށް ލަންކާގެ ބޯޑަރު ހުޅުވާލާނީ ހެލްތު ސެކްޓަރުގެ ބެލެހެއްޓުމުގެ ދަށުން ކަމަށެވެ. ކޮމާޝަލް ފްލައިޓްތަކަށް އެއާޕޯޓް ހުޅުވާލަނީ އެ ގައުމުގެ އިގުތިސޯދަށް ހާއްސަ ސަމާލުކަމެއް ދީގެން ކަމަށްވެސް ސްޓޭޓް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ސްރީލަންކާގެ ޗީފް އެޕިޑެމިއޮލޮޖިސްޓް ޑރ ސުދާތު ސަމަރަވީރާ ވިދާޅުވީ، ސިއްހީ ގައިޑްލައިންތަކާ އެއްގޮތަށް އެއާޕޯޓްތައް ހުޅުވާލުމުގައި މައްސަލައެއް ނެތް ކަމަށެވެ.

ފަތުރުވެރިކަމަކީ ސްރީލަންކާގެ އިގުތިސޯދަށް އިންތިހާއަށް މުހިންމު ސިނާއަތަކަށް ވާއިރު، ފަތުރުވެރި ކަމުގެ ސިނާއަތް އަލުން ހިންގައިގަތުން އިންތިހާއަށް މުހިންމު ވެފައި ވާ ކަންވެސް ޑރ ސަމަރަވީރާ ވަނީ ފާހަގަ ކުރައްވާފައެވެ. ނަމަވެސް މި ކަން ކުރަންވާނީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވް މީހަކަށް މިނިވަން ކަމާއެކު ލަންކާ ތެރޭގައި ނޫޅެވޭނެ ފަދަ އުސޫލަކުން ކަމަށްވެސް ޑރ ސަމަރަވީރާ ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނަ ދުވަސްތަކެއް ވަންދެން ބޯޑަރު ބަންދުކޮށްފައި ބޭއްވުމަށް ފަހު، ޕައިލެޓް ޕްރޮޖެޓް އުސޫލުން މަދު އަދަދެއްގެ ފަތުރުވެރިންނަށް ލަންކާގެ ބޯޑަރުތައް ހުޅުވާލީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅުގައެވެ.