ހައްދު ފަހަނައަޅާފައިވާ ހަތިޔާރުއެޅި ހަނގުރާމަވެރި އައިސިސް ޖަމާއަތުން ރަހީނުކޮށް މަރާލި ޕާކިސްތާނުގެ 11 މީހެއްގެ އާއިލާއަކީ ސަރުކާރުން ދޫކޮށްލާނެ އާއިލާތަކެއް ނޫން ކަމުގެ ޔަގީންކަން، އެ ގައުމުގެ ބޮޑުވަޒީރު އިމްރާން ހާން ދެއްވައިފިއެވެ.

މަންޗް ބަލޫޗިސްތާނުގައި ހިނގާދިޔަ ލާއިންސާނީ ޖާރީމާ ކުށްވެރި ކުރައްވާ ޓްވީޓް ކުރައްވަމުން އިމްރާން ވަނީ، މިއީ ނިރުބަވެރި އަމަލެއް ކަމުގައި ސިފަކުރައްވާ، މިޖަރީމާ ހިންގި ހުރިހާ އެންމެން ހޯދާ، އިންސާފުގެ ކުރިމައްޗަށް ގެނައުމަށް، ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.

ބޯޓު ދެލި ނަގާ މައިނެއްގައި މަސައްކަތް ކުރަމުން ދިޔަ 11 މީހުން ރަހީނުކޮށް މަރާލި ޖަރީމާ ހިންގާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި ހަމަލާގައި މަރާލި ހުރިހާ އެންމެނަކީވެސް ޝީއީ އާބާދީއަށް ނިސްބަތްވާ މީހުން ކަމަށް ހަބަރު ލިބެއެވެ.

ހޮނިހިރު ދުވަހުގެ ރޭގެ ޖަރީމާގައި އައިސިސްގެ ހަނގުރާމަވެރިން، މައިން ކުރާ މީހުން ރަހީނު ކުރީ، މައިން ކުރާ މީހުން ހިއްސާކުރަމުންދިޔަ ގޭގައި ތިއްބައެވެ. ރަހީނު ކޮށްގެން އެމީހުން ގެންދިޔައީ ފަރުބަދަތަކުގެ ތެރެއަށެވެ. މައިން ކުރާ މީހުން ފެނުނު އިރު 6 މީހެއްގެ ފުރާނައެއް ނެތެވެ. ދެން ތިބި 5 މީހުންގެ ހާލުވެސް އިންތިހާއަށް ކުރިޓިކަލްއެވެ. އެ މީހުން މަރުވީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ކަމަށް މައުލޫމާތު ލިބެއެވެ.

މި ޖަރީމާއަށް އިންސާފު ހޯދުމަށް ގޮވާލާ މުޒާހަރާ ކުރަމުންދިޔަ މީހުން ވަނީ ވެހިކަލްތަކަށް ނުދުއްވޭނެ ހެން މަގުމަތީގައި ގަބުރުތައް އަތުރާފައެވެ. ކަމާ ބެހޭ ފަރާތްތަކުން ވަނީ މި ޖަރީމާގެ ފަހަތުގައި ވާ ފަރާތްތައް ހޯދާނެ ކަމަށް ވައުދުވެފައެވެ.

އައިސިސް އިން ވަނީ މި ޖަރީމާގެ ޒިންމާ އުފުލާފައެވެ.

ޕާކިސްތާނުގައި ޝީއީއިންނާއި ސުންނީންނާއި ދެމެދު ސިލްސިލާ ގޮތެއްގައި ހަމަ ނުޖެހުން ހިންގައެވެ.